ޚަބަރު

ސަރުކާރުގެ އަމާޒަކީ ނަފްސާނީ ފަރުވާ ފަސޭހައިން ލިބޭނެގޮތް ހެދުން: ވަޒީރު ނާޒިމް


  • ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު ތެރެއަށް ފުޅާކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް

  • ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފްސާނީ ޞިއްޙަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ދެއްވި ޚިޠާބުގައެވެ.

ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ފުރިހަމަ ޞިއްޙަތެއްގައިވުން މާނަ ކުރެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހަކު ހެޔޮ ޙާލުގައިވުމަށް ކަމަށެވެ. އެގޮތުން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން، "ޞިއްޙަތު" މާނަ ކޮށްފައިވަނީވެސް ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ހިމެނޭގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާކަމަށެވެ. އެގޮތުން
2022 ވަނަ އަހަރުގެ ޑަބްލިޔު އެޗްއޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން، ޑިޕްރެޝަންގެ އަލާމާތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރާކަމަށެވެ. އަދި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަމަށާއި
ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ނަފުސާނީ ބަލިތަކާ ޙާލަތްތަކުގެ ސަބަބުން، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ޤަވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން،
ޢާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ޤައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.

" ނަތީޖާއެއްގެގޮތުން ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ. މިހެންކަމުން މި އަހަރު ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ" Mental Health at Work ' ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިޢާރު. މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް ، ނަފްސާނީ ޞިއްޙަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު ތެރެއަށް ފުޅާކުރުން އެއީ މިސަރުކާރުގެ ސިޔާސަތެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މުވައްޒިފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ. އަދި ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަމަށް ތަފާސްހިސާބު ތަކުން ދައްކާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމަށާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖްތަމަޢު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރުގެ ހަފްތާ 14 ގެ އެޖެންޑާގެ ތެރޭގައި ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ޚިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ހެލްޕްލައިންގެ ބޭނުން ގިނަބަޔަކު ހިފަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކޮންމެ ފަރުދަކީ ،އަދި ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފްސާނީ ޞިއްޙަތަށް އަޅާލާ އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުން އިލްތިމާސްކުރައްވާފައެވެ.