ޚަބަރު

ޒިނޭކުރުމަށް ލިބޭ ދައުވަތަށް ނޫނެކޭ ބުނާ މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ: ޚުޠުބާ


  • ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ

  • ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ

  • ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން އޭނާގެ މަރު ގެންދަވާނެ

ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޞޫއަކީ" ޒިނޭ ކުރުމާއި ފާހިޝް އަމަލުކުރުމުގެ ނުބައިކަން" އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެއްކަމަށެވެ. އެގޮތުން މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިކަމަށާއި އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭކުރުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއްކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާނެކަމަށާއި މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށްވެސް ގޮސް އުޅޭކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެގެން ދާކަމަށެވެ. އަދި ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެ ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަންނަމުން ދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާމެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާއެކު ޒިނޭކުރާ މީހުންވެސް އުޅެމުން ދާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވީ، އެފަދަ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީވެސް ހަމަ ވެދާނެކަމެއްކަމަށާއި، މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށްކަމަށެވެ. އެގޮތުން އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން އޭނާގެ މަރު ގެންދަވާނެކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުކުރު ޚުޠުބާގައި ވަނީ ލޫޠުގެ ފާނުގެ ޤައުމުގެ މީހުންނަށް ވީގޮތުގެ މައްޗައް އަލި އަޅުއްވާފައެވެ. އެގޮތުން ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށް ވީ އެ މީހުންގެ ޤައުމު މުޅިން ހަލާކުވެ ދިޔުމެވެ.

އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލު ކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ޤައުމު ހެއްދެވިއެވެ. އެ މީހުން ކުޅަ ބަދުއަޚްލާޤީ ޢަމަލުތަކުގެ ސަބަބުން އެމީހުންގެ މައްޗަށް ގިނި ހިލައިގެ ވާރޭ ވެއްސަވައި އެ މީހުން ހަލާކުކުރެއްވިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ދެން ފަހެ، ތިމަންރަސްކަލާނގެ (عذابގެ) أمرފުޅު އައި ހިނދު، އެ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވައިފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ حضرةގައި ފާހަގަކުރައްވައިފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެ ކަންތައް ނުވެތެވެ." ޚިތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވަނީ ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެއްކަމަށެވެ. އެގޮތުން ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށާއި ތަޢުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތަޢުބާ ﷲ ޤަބޫލު ކުރައްވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެކަމަށް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަކަމަށެވެ. އެއީ ނުރައްކާތެރި ބަލިތަކެއް ކަމަށާއި ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭކަމަށެވެ.

އެގޮތުން ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ޚުޠުބާގައި ވިދާޅުވީ ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެގެންކަމަށާއި ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެންކަމަށެވެ.

މީގެ އިތުރުން ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންންކަމަށާއި ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.