ޚަބަރު

"މާލޭގައި ފެން ހިންދާ ވަގުތީ ނިޒާމު ޤާއިމްކޮށްފައިވާ ސަރަހައްދުތަކުގައި ފެން ބޮޑުވުން މިހާރު ކުޑަ"


  • 3 ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމް ވަނީ ބޭނުންކުރަން ފަށާފައި

  • ނިޒާމް ޤާއިމްކޮށްފައިވާ ސަރަހައްދުތަކުގައި ފެން ބޮޑުނުވާކަން ޢާންމުންވެސް ފާހަގަކުރި

ވަގުތީ ފެން ހިންދާ ނިޒާމާއެކު މާލޭގައި ފެން ހިންދުމަށްކުރަންޖެހޭ މަސައްކަތް ފަސޭހަވެ، އަވަހަށް ފެން ހިދޭކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ވިއްސާރަކުރުމުން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ޙައްލެއް ގެނައުމަށް، މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހުއެވެ.

މާލޭގެ މަގުތައް މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ވަރަށް ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިއާއެކު ގެތަކާއި، މުހިއްމު ޚިދުމަތްދޭ މަރުކަޒުތަކުގެ ވިޔަފާރިކުރާ ތަންތަނަށް ފެނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

މިދުވަސްވަރަކީ މާލެ ސަރަހައްދަށް ވިއްސާރަކޮށް ވާރޭވެހޭ ދުވަސްވަރެކެވެ. އެގޮތުން މާލެއަށް ބޯކޮށް ވާރޭ ވެހި، ބައެއް ސަރަހައްދުތަކުގައި މިއަދުވެސް ފެން ބޮޑުވެފައިވެއެވެ. ނަމަވެސް ބޯކޮށް ވާރޭވެހޭ އެހެން ދުވަސްދުވަހާ ތަފާތު މަންޒަރެއް މިފަހަރު ފެނުނެވެ.

މީގެ ކުރިން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހިމެނޭ ސަރަހައްދަކީ މާލެއަށް ވާރޭ ވެހިއްޖެނަމަ އެންމެ ބޮޑަށް ފެން ބޮޑުވާ އެއް ސަރަހައްދެވެ. ބައެއްފަހަރު ފޫޓަކާ ގާތްކުރާ އުސްމިނަކަށް އެ ސަރަހައްދުގައި ފެން ބޮޑުވެއެވެ. ނަމަވެސް މިއަދު ފެނުނީ ތަފާތު މަންޒަރެކެވެ. ސަރުކާރުން ޤާއިމްކުރި ވަގުތީ ފެން ހިންދާ ނިޒާމާއެކު އެ ސަރަހައްދުގައި ފެން ބޮޑުވެފައި ނުވެއެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން އާދައިގެ ވަރަކަށް ފެން ހެދިފައިވެއެވެ.

އަދި ހަމަ މި މަންޒަރު އިތުރު ދެ ސަރަހައްދަކުން ފެނުނެވެ. އެއީ ވިލިމާލެ ފެރީ ޓާރމިނަލް ހުރި ސަރަޙައްދާއި ވެސްޓް ޕާކު ސަރަހައްދެވެ. މި ދެ ސަރަހައްދުގައި މީގެ ކުރިން ވަރަށް ބޮޑަށް ފެން ބޮޑުވި ނަމަވެސް، މިއަދު ފެނުނު މަންޒަރު އެއާ ޚިލާފެވެ. މި 3 ސަރަހައްދުގައިވެސް މިހާރު ވަނީ ފެން ހިންދާ ވަގުތީ ނިޒާމު ސަރުކާރުން ޤާއިމްކޮށްފައެވެ.

މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ޤާއިމްކުރަމުންދާ ފެން ހިންދާ ނިޒާމާއެކު، އެ ސަރަހައްދުތަކުން ފެން ހިންދުމަށް ދިވެހި ސިފައިންކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއްވަނީ ލިބިފައެވެ. އެގޮތުން މިހާރު މޫދާ ވަރަށް ކައިރީގައި ޕަންޕު ބަހައްޓާ، މަދު އަދަދެއްގެ ޕަންޕު ބޭނުންކޮށްގެން ވަރަށް އަވަހަށް ފެން ހިންދޭކަމަށް އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަންގެ ހެޑް ލެފްޓިނެންޓް އަޙްމަދު ފިރުޝާން ވިދާޅުވިއެވެ.

"މި ނިޒާމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަރަށް ބައިވަރު ފެން އެބަ ބޭރުކުރެވޭ. ގާތްގަނޑަކަށް 1 ގަޑިއިރުގެ ތެރޭގައި މުޅި މާލެ ފެން ހިއްކާލެވޭ ވަރު ވާނެ މި ނިޒާމު ޤާއިމްކޮށް ނިމުމުން." ފިރުޝާން ވިދާޅުވިއެވެ.

މާލޭގައި ޤާއިމްކުރަމުންދާ ވަގުތީ ފެން ހިންދާ ނިޒާމުގެ ސަބަބުންވާ ފަސޭހަ ބައެއް ޢާންމުންވެސް ވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. އެގޮތުން ކިރިޔާ ބޯކޮށް ވާރޭ ވެހުނަސް ފެން ބޮޑުވާ ސަރަހައްދުތަކުގައި މިހާރު އެއްވެސް ވަރަކަށް ފެން ބޮޑުވާނުކަން އާންމުން ފާހަގަކުރިއެވެ.

"މެންދުރު ކުރިން ވެހުނު ހުރިހާ ފެނެއް މިއޮތީ ހުސްވެފައި. އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައިފެން ހިނދެގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް." މީހަކު ބުންޏެވެ.

"5 މިނެޓެއްހާއިރު ވެހިލިޔަސް އައިޖީއެމްއެޗް ކައިރީގައި ފޫޓަކަށް ފެން ބޮޑުވާނެ. މިއަދުވެސް ވަރަށް ބޯކޮށް ވާރޭ ވެހިއްޖެ. އެކަމަކު މިހާރު ވަރަށް ނޯވޭ ފެން." އެހެން މީހަކު ބުންޏެވެ.

ވަގުތީ ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތަށް ފަންނީ އެހީދޭ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ދެން ކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝިލް ބީޗް ހިމެނޭ ސަރަހައްދުގައެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ދިފާޢީ ވުޒާރާގެ އިސްނެގުމުގެ ދަށުން ޤައުމީ ދިފާއީ ބާރާއި ގުޅިގެން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއެކުއެވެ. މި މަސައްކަތް ކުރަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އާރުޑީސީންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ޢާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުމާއެކު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.