ޚަބަރު

ބާ ކައުންސިލްގެ އިމްތިހާނުގައި މިއަހަރު 183 ދަރިވަރުން ބައިވެރިވެއްޖެ


  • މިހާތަނަށް ޖުމްލަ 505 ދަރިވަރުން ބާ އިމްތިހާނުގައި ވަނީ ބައިވެރިވެފައި

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި އެ ކައުންސިލްގެ އިމްތިހާނުގައި 183 ދަރިވަރުން ބައިވެރިވެއްޖެއެވެ.

ބާ ކައުންސިލް އިންތިޚާބަކީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިމްތިހާނެކެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުން ހަދަން މަޖުބޫރު އިމްތިހާނެކެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވިދާޅުވީ، ހޮނިހިރު ދުވަހު ވިލާ ކޮލެޖުގައި ބޭއްވި އިމްތިހާން އިންތިޒާމް ކުރީ 190 ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް އިމްތިހާނުގައި ބައިވެރިވީ 183 ދަރިވަރުން ކަމަށާއި މިއާއެކު ރާއްޖޭގައި ބާ އިމްތިހާން ބާއްވަން ފެށިފަހުން އެ އިމްތިހާނުގައި 505 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ޤާނޫނީ ވަކީލަކަށްވުމަށް ކަނޑައަޅާފައިވާ ތިން އަސާސީ ޝަރުތުތަކުގެ ތެރޭގައި ބާ އިމްތިހާނުން ފާސްވުން ހިމެނެއެވެ. އެގޮތުން، ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ބާ ކައުންސިލުން ގަބޫލުކުރާ ޤާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރުމާއެކު ބާ ކައުންސިލް އިމްތިހާނުން ފާާސްވެ، ޤާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ލައިސަންސިންގ ތަމްރީން ފުރިހަމަ ކުރުމަށްފަހުއެވެ.

ބާ އިމްތިހާނަކީ ޤާނޫނީ ދާއިރާއަށް އަލަށް ނުކުންނަށް ވަކީލުންގެ ކިބައިގައި ރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު ހުރިކަން ކަށަވަރުކޮށް ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިހާނެކެވެ. މިއަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލުތައް ހިމަނާފައިވާކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

ބާ އިމްތިހާނުގެ މަންހަޖު އެކުލަވާލަނީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލާފައިވާ ބާ އިމްތިކާނުގެ "ކޮމިޓީ އޮފް އެކްސްޕަރޓްސް" އިންނެވެ.

މިއަހަރުގެ އިމްތިހާނުގެ ބައިވެރިންނަށް އަލަށް މަންހަޖަށް އިތުރުކުރެވުނު ބައިތަކުންނާއި ރެކޯޑުކުރެވިފައިވާ ލެކްޗަރތައް ނަގައިދީފައިވާނެ ކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

މިއަހަރުގެ ބާ އިމްތިހާނު އިމްތިޒާމްކުރީ ސަރުކާރާއި، ޔޫއެސްއެއިޑާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކަމަށްވެސް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވިދާޅުވިިއެވެ.