ޚަބަރު

އުސޫލުތަކާއި ހިލާފަށް ބިމެއް ވިއްކި މައްސަލައެއްގައި ހައުސިންގެ ކުރީގެ ވެރިޔަކަށް ދައުވާކުރަނީ


  • ދަޢުވާކޮށްދިނުމަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ޕީޖީއަށް ވަނީ ފޮނުވާފައި

މާލެއިން ބިމެއް ވިއްކި މައްސަލާގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ 2 އިސްވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

އޭސީސިން ވިދާޅުވީ މިއީ 2018 ވަނަ އަހަރު މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށެވެ. އެގޮތުން މިދިޔަމަހުގެ 30 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ހ.އަގޮސްޓާ ނާއިފު ޝައުކަތުއާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ދަފްތަރު 12537 ޙަސަން ވަޙީދުގެ މައްޗަށް ދައުވާކުރުމަށްކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ އެ މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާގައިކަމަށެވެ.

އޭސީސިން ވިދާޅުވީ މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށްކަމަށެވެ. އަދި އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު"އާ ޚިލާފަށްކަމަށްވެސް އޭސީސީން ބުނެއެެވެ.

މީގެ އިތުރުން ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައި ނުވާކަން ތަހުޤީޤަށް ހޯދާފައިވާ ހެކިތަކުން އެނގޭކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައިކަންވެސް ތަހުޤީޤަށް އެނގިފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމަށާއި، އެ ޢަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަޙުޤީޤަށް ހޯދި ހެކި ޤަރީނާއިން އެނގޭކަމަށެވެ.