ޚަބަރު

ބީލަންވެރީންނާއި ސަޕްލަޔަރުން އަދި ކޮންޓްރެކްޓަރުން ޖޫރިމަނާ ކުރެވޭ އުޞޫލެއް


  • ބީލަމުގެ ޖުމުލަ އަގުގެ %2.5 އިންސައްތައިން ޖޫރިމަނާ ކުރެވޭނެ

  • ގިނަވެގެން 5 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވިދާނެ

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ބީލަމުގެ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާ ކުރެވޭގޮތަށް މާލީ ވުޒާރާއިން އުޞޫލެއް އެކުލަވާލައިފިއެވެ.

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު މިހާރު ވަނީ ޢަންމުކޮށް، ޢަމަލުކުރަން ފަށާފައެވެ.

މީގެ ކުރިން މާލިއްޔަތު ގަވާއިދާއި މާލިއްޔަތު ޤާނޫނުގައިވެސް ކުށެއް ކޮށްފިނަމަ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާމެދު އެޅޭނެ ފިޔަވަޅުތަކާއި ފިޔަވަޅު އަޅަންޖެހޭ ސަބަބުތައް ތަފްސީލްކޮށް ބަޔާންކޮށްފައިނުވެއެވެ.

އެގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގައި ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާމެދު ފިޔަވަޅު އެޅިދާނެ 16 ކުށެއް ތަފްސީލްކޮށް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުޙަލާގައި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ޞައްޙަނޫން ލިޔުންތައް ހުށަހެޅުމާއި އެފަދަ މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ފޮރުވުން ހިމެނެއެވެ. އަދި ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ. މި އުޞޫލްގެ ދަށުން ފިޔަވަޅު އެޅުމާއި މައްސަލަ ބެލުމުގެ ޒިންމާ މަތިވެފައި އޮންނަނީ ޕްރޮކިއުމަންޓް އެޕީލް ބޯޑަށެވެ.

އުޞޫލުގައިވާ ގޮތުން ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ކުށެއް ކޮށްފިނަމަ 2ބާވަތެއްގެ ފިޔަވަޅެއް އެޅިދާނެއެވެ. އެއީ ޖޫރިމަނާކުރުމާއި ބީލަމުގައި ބައިވެރިނުވެވޭގޮތަށް ވަކި މުއްދތަަކށް ސަސްޕެންޑްކުރުމެވެ.

މި އުޞޫލްގައިވާ ގޮތުން ހުށައެޅޭ މައްސަލައަކީ މައްސަލަ ރައްދުވާ ފަރާތާ ދެކޮޅަށް ހުށައެޅޭ ފުރަތަމަ މައްސަލަނަމަ، މައްސަލައިގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި ބީލަމުގެ ޖުމުލަ އަގުގެ 2.5% އިންސައްތައިން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި އެހެން ބީލަމެއްގައި ބައިވެރިވެވޭނީ ޖޫރިމަނާ ދައްކައި ޚަލާޞްކުރުމަށްފަހުގައިކަމަށްވެސް އުޞޫލުގައިވެއެވެ.

އުޞޫލުގައިވާ ގޮތުން ބީލަންތަކުގައި ބައިވެރިނުވެވޭގޮތަށް ވަކި މުއްދަތަކަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނީ ކުށެއްކުރާތާ ފުރަތަމަ ފަހަރުނަމަ، 3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. އަދި ދެވަނަ ފަހަރުނަމަ 2 އަހަރާއި 3 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. އިތުރަށް ކުށެއްކޮށްފިނަމަ 5 އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. ސަސްޕެންޑް ކުރެވޭ މުއްދަތު އިތުރުވަމުންދާނީ ސަސްޕެންޑް ނިމޭތާ 3 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކޮށްފިނަމަކަމަށް އުޞޫލްގައިވެއެވެ. އަދި އެއްވެސް ސެކިއުރިޓީއެއް ނަގައިފައިވާނަމަ އެ ފައިސާ ހިފަހައްޓައި ސަސްޕެންޑްކުރެވޭނެކަމަށްވެސް އުޞޫލްގައިވެއެވެ.

އުޞޫލުގެ ދަށުން ބީލަމުގައި ބައިވެރިވި ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑުކުރުމުގެ ކުރިން އެފަރާތްތައް ޖޫރިމަނާކޮށް ސަސްޕެންޑްކުރަންޖެހޭ ސަބަބާއި އެކަމާ ގުޅޭގޮތުން ދެވެންހުރި މަޢުލޫމާތު އެ ފަރާތާ ހިއްސާކުރަންވާނެއެވެ. އަދި އެފަރާތްތައް ޖަވާބުދާރީވުމަށް ސަރުކާރު ބަންދު ނޫން 5 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މައްސަލަ ދިރާސާކޮށް، މައްސަލަ ނިންމާނީ މާލީ ވުޒާރާގެ ދަށުން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑުންނެވެ.

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުގެ ދަށުން މައްސަލަ ރައްދުވާ ފަރާތަށް އަލުން މައްސަލަ ބަލަން އެދުމުގެ އިޚްތިޔާރުވެސް ވަނީ ލިބިދީފައެވެ.