އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ޖޭ 30 ޓެނިސް މުބާރާތުގެ ވީކް 2ގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދި ޔޫކޭގެ ޒުވާން ކުޅުންތެރިޔާ ހާގިމް ކަމާލްގެ ކާމިޔާބީ އޭނާގެ މައިންބަފައިންނަށް ޚާއްސަކޮށްފިއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޔޫކޭއަށް ނިސްބަތްވާ ކުޅުންތެރިޔާ ބުނީ ރާއްޖެ ފަދަ ރީތި ތަނެއްގައި މުބާރާތް ކުޅެލަން ލިބުމަކީ އޭނާއަށް ލިބުނު އުފަލެއްކަމަށެވެ. އަދި މުބާރާތުގައި ވާދަކުރި ކުޅުންތެރިންނަކީވެސް އެހާމެ ރަނގަޅު ބައެއްކަމަށާ، ވާދަވެރި މެޗުތަކަށްފަހު މުބާރާތް ކާމިޔާބުކުރެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ.
"މިހާ ރީތި ތަނެއްގައި ކުޅެލަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ވާދަކޮށްލަން ލިބުނު ކުދިންވެސް އެހާ ރަނގަޅު. މުބާރާތް ކާމިޔާބުކުރެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެ: ހާގިމް ބުންޏެވެ.
މުބާރާތުގެ ތެރެއިން އަނިޔާގެ މައްސަލައެއް ދިމާވިކަން ފާހަގަކުރަމުން ހާގިމް ބުނީ، އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވިކަމަށެވެ. ކޮންމެ މެޗަކާވެސް ހިތްވަރާއެކު ކުރިމަތިލީކަމަށާ، މުބާރާތުގެ ފޮނި ކާމިޔާބީއަކީ އޭނާ ކުރި ހިތްވަރުގެ ނަތީޖާކަމަށެވެ.
"މިދިޔަ ހަފްތާގައި ބުރަކައްޓަށް އަނިޔާއެއްވެގެން މިއުޅެނީ. އެކަމުގެ ސަބަބުން މުބާރާތުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި. އެހެންނަމަވެސް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ މި ލިބުނީ" ޔޫކޭއަށް ނިސްބަތްވާ ކުޅުންތެރިޔާ ބުންޏެވެ.
ހާގިމްގެ ކާމިޔާބީއަކީ އެތައް ބައެއްގެ ހިއްސާ އޭގައި ހިމެނޭކަމެއްކަމަށް ބުނަމުން ޒުވާން ކުޅުންތެރިޔާވަނީ އޭނާގެ މައިންބަފައިންނާއި ކޯޗުގެ އިތުރުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
"އަޅުގަނޑުގެ މައިންބަފައިންނާ ކޯޗު އަދި މިކަމުގައި އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްލަން ބޭނުން. އަޒުމަކީ އަދިވެސް މިފަދަ އެތައް ކާމިޔާބީއެއް ހޯދުން" ހާގިމް ބުންޏެވެ.
14 އަހަރާ 18 އަހަރާ ދެމެދުގެ ކުޅުންތެރިން ވާދަކުރި އައިޓީއެފް "ޖޭ 30" ކުރިއަށްދިޔައީ ދެ ހަފްތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ މިމަހުގެ 29 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.