ޚަބަރު

ދެމެހެއްޓެނިވި ފަަތުރުވެރިކަމެއް ކުރެވޭނީ ދާއިރާ ސިންދަފާތުކޮށް، ދަތިތައް ދެނެގަނެވިގެން: ވަޒީރު ފައިޞަލް


  • އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ބާއްވާ ޓޫރިޒަމް ސިމްޕޯޒިއަމް 2024 ވަނީ ފަށާފައި

  • ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވޭނެ

ދެމެހެއްޓެނިވި ފަަތުރުވެރިކަމެއް ކުރެވޭނީ އެ ދާއިރާ ސިންދަފާތުކޮށް، ދާއިރާއަށް ދިމާވާ ދަތިތައް ދެނެގަނެވިގެންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވް ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ މިސިމްޕޯޒިއަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ ޚިޔާލާއި މަޝްވަރާ ބަދަލުކުރުމުގެ ފުރުޞަތު ފަހިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދާއިރާގައި ދިމާވާ ދަތިތައް ދެނެގަނެވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަންނަން ފަސޭހަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް ދާއިރާ ސިންދަފާތުކޮށް، މި ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރުން މުހިންމު ކަމަށެވެ.

"މި ޤައުމުގައި ފަތުރުވެރިކަން ދެމެހެއްޓުމަށް އުފެއްދުންތެރި ގޮތްތައް ބޭނުންކުރަންޖެހޭ. މި ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމާއި ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކާއެކު މަޝްވަރާކޮށް ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މި ދާއިރާގެ ކުރިއެރުމަށް އެންމެ މުހިންމީ ޚިޔާލާއި މަޝްވަރާ ލިބިގަނެ، އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށާއި މި ސިމްޕޯޒިއަމަކީ މިކަން ޙާސިލްކުރުމަށް ބޭއްވޭ ސިމްޕޯޒިއަމެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

ޝިއުރީ ވިދާޅުވީ ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ކުރިއެރުވިދާނެ ކަމަށެވެ.

"ހަމައެކަނި ޤުދުރަތީ ވަޞީލަތް ވިއްކައިގެން ނޫން ފަތުރުވެރިން ރާއްޖެއަށް ގެންނަން ޖެހޭނީކީ. ތަފާތު ފަތުރުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި ފުޅާކުރަންޖެހޭ. މެޑިކަލް، ކަލްޗަރަލް، އެޑްވެންޗަރަލް، ފިލްމް އެކްސްޕީރިއަންސް ޓޫރިޒަމް ރާއްޖެއަށް ފުޅާކުރެވިދާނެ. ރާއްޖެއަށް އެކި ބާވަތުގެ ފަތުރުވެރިން ހިމެނޭ ބޮޑު މާކެޓެއް ގެންނަންޖެހޭ." ޝިއުރީ ވިދާޅުވިއެވެ.

ޓޫރިޒަމް ސިމްޕޯޒިމް 2024 އަކީ މިގޮތަށް އެމްއެމްޕީއާރުސީން އިސްނަގައިގެން ބާއްވާ ފުރަތަމަ ސިމްޕޯޒިއަމެވެ. މި ސިމްޕޯޒިއަމް ކުރިއަށްދަނީ 1 ދުވަހުގެ މުއްދަތަކަށެވެ. މި ސިމްޕޯޒިއަމްގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންޓުންގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތައް ބައިވެރިވެއެވެ.