ޚަބަރު

މިސަރުކާރުން މިހާތަނަށް 328 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައި


  • މީގެތެރޭގައި 177 ކިލޯގްރާމްގެ މަސްތުވަތަކެއްޗާއި، 8300 އަށްވުރެ ބަނގުރާ ފުޅިއާއި ދަޅު ހިމެނޭ

  • މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބި މީހުން ރިމާންޑު ސެންޓަރުތަކަށް ގެންދަން ފަށާނެ

ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 177 ކިލޯގްރާމްގެ މަސްތުވަތަކެއްޗާއި، 8300 އަށްވުރެ ބަނގުރާ ފުޅިއާއި ދަޅުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޙްސާން ވިދާޅުވީ، ހިފަހެއްޓި މަސްތުވާކަތެއްޗަށް ބެލުމުން އެނގެނީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި އާދަ އަށަގެންފައިވާ މިންވަރުކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް. މަސްތުވާތަކެއްޗާއި ގޭންގުގެ މައްސަލަތަކުގައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެއްޗާއި ގުޅޭ 2 ބިލެއްގެ މަސައްކަތް ނިންމާ މިހާރު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، މި ދައުރުގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯޕް އައިލެންޑްގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ދ.ވާނީގައި މިމަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށް ނިންމަވާފައިވާކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ވަންނާނެ ތަނެއް ނެތި ތިބި ޒުވާނުން ރިމާންޑް ސެންޓަރުތަކަށް ނެގުމުގެ މަސައްކަތުގެ ތެރެއިން މާލެގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޚާއްސަކޮށްގެން އަންގާރަ ދުވަހުގެ ހަވީރު މަސައްކަތް ފަށާނެކަމަށެވެ. މިމަސައްކަތުގެ ތެރެއިން އައިޑީފައިކުރެވޭ މީހުން ނަގަމުންދާނެކަމަށް ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.