ބޯޑަރު ހުރަސްކޮށް ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިހެން ވިދާޅުވީ ދާޚިލީ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ރާއްޖޭއަށް އެތެރެވުމައްޓަކައި ކައުންޓަރ ފީޓް ނުވަތަ ފޯޖް ޕާރސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަބަޔަކު މަސައްކަތްކުރަމުންދާކަމަށް ފާހަގަވެފައިވާކަމަށެވެ.
މީގެ ތެރޭގައި ކައުންޓަރ ފީޓް، ފޯޖް ފާސްޕޯޓާއި ޝަޚްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އަދި އޭގައި ޖަހާފައިވާ ވިސާ ތަކަކީ ފޯޖްކޮށްފައިވާ ވިސާ ތަކެއްކަން ވަނީ ފާހަގަކުރެވިފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ.
އެގޮތުން މި އަހަރު މިހާތަނައް ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ޤަވާއިދާ ހިލާފަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ހިފެހެއްޓިކަމަށް، އަދި އެމީހުން ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ.
"މި އަހަރު 51 ބިދޭސީއެއް ވަނީ އަޅުގަނޑުމެންގެ ބޯޑަރުން ހިފަހައްޓާފައި. މީގެ ތެރޭގައި ކައުންޓަރ ފިޓް ޕާސްޕޯޓާއި ސަހްޝު އޮޅުވާލަން މަސައްކަތްކުރާ ޑޮކިއުމަންޓާއި އޭގެ ޖަހާފައި ހުރި ވިސާ ތަކަކީ ފޯޖްކޮށްފައި ހުރި ވިސާތަކެއްވަނީ ފާހަގަވެފައި. އެގޮތުން 51 ބިދޭސީއެއް ވަނީ އަނބުރާ ފޮނުވާލެވިފަ" ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި އޭގެތެރެއިން މިހާތަނައް ޤަވައިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިޤްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.