ޚަބަރު

ސިވިލް ސަރވިސް ނުހިމެނޭގޮތަށް 12،000 ރުފިޔާއިން މަތީގެ މުސާރަތައް ކުޑަކުރަނީ


  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ވަނީ ނިންމަވާފައި

  • ނަމަވެސް ކުޑަކުރާނީ 12 ހާސް ރުފިޔާއިން މަތިން ލިބޭ ފަރާތްތަކުގެ މުސާރަ

ސިވިލް ސަރވިސް ނުހިމެނޭގޮތަށް ދައުލަތުން މުސާރަ ދޭ ފަރާތްތަކުގެ ތެރެއިން 12،000 ރުފިޔާއިން މަތީގެ މުސާރަތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅުތައް

  • ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން
  • ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
  • ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސާރަތައް ކުޑަކުރުމަށް ނިންމަވާފައިވާ ދާއިރާތަކުގައި ހިމެނޭ 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރައްވާނެކަމަށެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، މީގެކުރިން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުން 228 ބޭފުޅަކު ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން މަހެއްގެ މައްޗަށް ދައުލަތަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން ސަރުކާރުގެ އޮފިޝަލުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި،

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އާއްމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ފިޔަވައި އެހެން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.