ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅުތަކަށް މަރުޙަބާ ކިޔާ ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއްކަމަށެވެ.
މި ބަޔާނުގައި ވަނީ ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، ޚަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް ނިމިދިޔަ ސަރުކާރުން ސަމާލުކަން ދީފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނިމިދިޔަ ސަރުކާރުން އަޅާފައިނުވާކަންވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓު، އަހަރު ނިމުނުއިރު 11.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވިކަމަށާއި 2023 ގައި 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެފިސިޓު ހުންނާނެކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު ހުރީ 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ. ޕީއެންސީގެ ބަޔާނުގައި ބުނީ ބަޖެޓު ޑެފިސިޓު ބޮޑުވިއިރު ރިކަރަންޓު ޚަރަދުތައް ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައިނުވާކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފިޔަވަޅުތައް އަޅުއްވަން ފެއްޓެވީ ސީދާ އެމަނިކުފާނާ ހަމައިންކަމަށެވެ. އެގޮތުން އަމިއްލަފުޅު މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމަވާ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމަކީ މިވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ބަޔާނުގައިވެއެވެ. އަދި މިއީ ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ޤައުމުގެ ޙައްޤުގައި ނިންމަވަންޖެހޭ މުހިއްމު ނިންމެވުމެއްކަމަށްވެސް ވެރިކަންކުރާ މައި ޕާޓީގެ ބަޔާނުގައި ބުންޏެވެ.