މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލަރ ސިސްޓަމް ހަރުކޮށްދޭން އެދުމަށް އަންނަ ހޯމަ ދުވަހު ހުޅުވާލާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މަގޭ ސޯލަރ ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މިޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ނިޒާމު ޤާއިމްކުރާނީ ހަމައެކަނި ގޭބިސީތަކުގައިކަމަށް ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ނިޒާމު ޤާއިމްކުރާ ގޭބިސީތައް ކަނޑައަޅާނީ އެކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ސޯލަރ ނިޒާމު ޤާއިމްކުރަން އެދި ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ގޭބިސީތަކަށް ހުށައެޅޭނެ ކަމަށާއި ފޯމު ހުށައެޅުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށެވެ.
މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލަރ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ސޯލަރ ހަރުކުރާނެ ގޭބިސީތަކުގެ އަދަދު މިހާރު ވަނީ ކަނޑައަޅާފައެވެ. މިއަދަދުތަކުގެ ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުން ގޭބިސީތައް ސަރވޭ ކުރުމަށްފަހު ކަމަށެވެ. މިޕްރޮގްރާމުގެ ދަށުން ހަރުކުރާނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސޯލަރ ސިސްޓަމްތަކެކެވެ.
ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ސޯލަރ ޕީވީ ނިޒާމު ހަރުކުރުމަށް އެޑްވާންސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގު ނަގާނެ ކަމަށެވެ. އަދި މި ފައިސާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.
މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން ދޫކުރާ 3 ކިލޯވޮޓުގެ ނިޒާމެއްގެ އަގަކީ 45،000 ރުފިޔާއެވެ. އަދި 5 ކިލޯވޮޓުގެ ނިޒާމެއްގެ އަގަކީ 75،000 ރުފިޔާއެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މަގޭ ސޯލަރ ޕްރޮގްރާމަކީވެސް މިއަމާޒަށް ވާޞިލްވުމުގެ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.