ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާނަމަ އޭނާގެ އިޒުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ"އަނބިދަރީންނަށް ޚަރަދުކުރުން" މިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާކަމަށެވެ. އަދި މާތް اللهވަނީ އޭނާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވާފައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ ނަބިއްޔާ ތަފާތު މުނާސަބަތުތަކުގައި ތަފާތު ތަންތާނގައި އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ފަށްފަށުން ގޮވާލައްވާފައިވާކަމަށެވެ. އަދި އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ވަނީ އަންހެނުންނަށް ހެޔޮކޮށްހިތުމަށާއި ރިވެތި އަޚްލާޤުން މުޢާމަލާތުކުރުމަށް އިރުޝާދުދެއްވާފައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވާފައިވާ ކަމެއްކަމަށެވެ.
"އެކަށީގެންވާ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." ލޮބުވެތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. (وَلَـهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُـهُنَّ بِالْمَعْرُوْفِ) މާނައީ: "އެ ކަނބަލުންނަށް ހެޔޮ ގޮތުގައި ކާންބޯންދިނުމާއި، އުނުއޮރިޔާން ނިވާކޮށްދިނުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." އެހެންކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރަންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެއް" ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުންފަދަ ސަވާބު މަތިވެރި ކަމެއްކަމަށެވެ. އަދި މާތް الله އެންގެވި ގޮތުގެ މަތީން އެކަލާނގެ މަގުގައި ހޭދަކުރުމަކުން ތިބާއަށް އެއްވެސް ގެއްލުމެއްނެތްކަމަށާއި މާތް الله އެކަމަށް ބަދަލުދެއްވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެކަމަށެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވާފައިވާ ބައެއްކަމަށެވެ. އެގޮތުން އޭނާއަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންކަމަށާއި އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމަކަށްވާއިރު އެވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެެވެ.
އެހެން ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާކަންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއްނޫންކަމަށާއި ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުންވެސް މަދުނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެއްކަމަށާއި މިކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށެވެ. އެހެންކަމުން މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރަން ޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވަނީ ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޒުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެކަމަށެވެ.