ޚަބަރު

ވޭތުވެދިޔަ 5 އަހަރު 8000އަށްވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރިކަމުގެ މައްސަލަ


  • މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުން

  • ގިނައީ 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން

ވެތުވެދިޔަ 5 އަހަރުގެ ތެރޭ ރާއްޖެގައި މަސްތުވާތަކެތި ބޭނުންކުރި މީހުންގެ އަދަދު 8000 އިން މައްޗަށް އަރާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ދުވަސްވީ ބޮޑު މައްސަލައަކަށް ވާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީއިން ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭ ރާއްޖޭގައި 8355 މީޙުން މަސްތުވާތަކެތި ބޭނުން ކުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން 7961 ފިރިހެނުންނާއި 394 އަންހެނުން ހިމެނޭކަމަށް ނާހިދު ވިދާޅުވިއެވެ. ނާހިދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން މަސްތުވާ ތަކެތި ބެނުންކުރާ އުމުރުފުރާއަކީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންކަމަށެވެ. އަދި ދެން ގިނައީ އުމުރުން 35 އަހަރާއި 55 އަހަރުގެ މީހުންކަމަށާއި 3 ވަނަ އަަށް އެންމެ ގިނައީ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ މާކެޓްގައި އުޅޭ ހުރިހާ ބާވަތެއްގެވެސް ބޭނުންކުރެވޭ އެބަ. ޓްރެންޑް އެބަ ބަދަލުވޭ. ޕާތީ ޑްރަގްސް ބޭޏުންކުރާ މިންވަރުވެސް ބަދަލުވޭ އެބަ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވިއެވެ.

މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައަކަށް ވުމުން މި މައްސަލަ ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށްޓަކައި މާލޭގެ މަގުތަކުގައި މިގޮތަށް ތިބޭ މީހުން ހޯދުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ނާހިދު ވިދާޅުވީ މީގެ ކުރިން މަސްތުވާތެކެތީ ބޭނުންކުރާ ބިދޭސީން ފޮނުވާލުމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް މިހާރު ވަރަށް ފައިސޭހައިން އެފަދަ މީހުންވެސް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ޤަނޫނނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު މި މައްސަލަ ހައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ. މި ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ.