ޚަބަރު

އުތުރު ކޮރެޔާގެ ސިފައިންގެ އެހީތެރިކަން ހޯދުމަކީ ރަޝިޔާގެ ދާޚިލީ ކަމެއް: ޕުޓިން


ރަޝިޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އުތުރު ކޮރެޔާގެ ސިފައިން ބޭނުން ކުރުމާއި އެހީތެރިކަން ހޯދުމަކީ ރަޝިޔާގެ ދާޚިލީ ކަމެއް ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ފައުޖުތަކާ ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ ކަމަށް އެމެރިކާއާއި ޔޫކްރެއިނުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ބުނީ, ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނާ އެއް ސަފެއްގައި ބައިވެރިވުމަށް އުތުރު ކޮރެޔާއިން 3,000އެއްހާ ސިފައިން ފޮނުވާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ. ޔޫކްރެއިންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޤަބޫލު ކުރާ ގޮތުގައި, މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ހޫނުވެގެންދާނެ އަމަލެކެވެ.

އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ, އެ ސަރަޙައްދުގެ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ބުނީ, ކޫރްސްކަށް އަރައިގަތް ޔޫކްރެއިންގެ ފައުޖުތަކާ ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނާ އެއް ސަފެއްގައި އުތުރު ކޮރެޔާގެ ސިފައިން ވެސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, އެއީ ރަޝިޔާގައި އަސްކަރީ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ އުތުރު ކޮރެޔާގެ ސިފައިންގެ ލަޝްކަރެއް ކަމުގައި ވެސް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕުޓިން ވިދާޅުވީ, ޔޫކްރެއިނުން ނޭޓޯގެ މެންބަރު ކަން ހޯދުމަށް މަސައްކަތް ކުރާ ނަމަ, ރަޝިޔާއަށް އެ ޤައުމުގެ އަމިއްލަ ދިފާޢުގައި ފިޔަވަޅުތައް އެޅުމުގެ ޙައްޤު ލިބިގެންވާ ކަމުގައެވެ. ”ކަމަކާ މެދު ގޮތެއް ނިންމަން ޖެހިއްޖެ ނަމަ, އަޅުގަނޑުމެން އެ ކަމާ މެދު ގޮތް ނިންމާނަން. އެ ކަމެއް ތަންފީޒު ކުރާނެ ކަން, ނުވަތަ ނޫން ކަން, ކަނޑައެޅުމުގެ ސިޔާދަތީ މިނިވަން ކަން އަޅުގަނޑުމެންނަށް ލިބިގެންވޭ. އެއީ, އަޅުގަނޑުމެންގެ އަމިއްލަ ކަމެއް،“ އޭނާ ވިދާޅުވިއެވެ.

”ނޭޓޯގެ އެހީތެރިކަމާ އެކު, ނުވަތަ އެހީތެރިކަމާ ނުލައި ނަމަވެސް“ ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަކީ ޔޫކްރެއިންގެ އަމިއްލަ ޒިންމާއެއްގެ ގޮތުގައި މީގެ ކުރިން ހުޅަނގުގެ ބާރުތަކުން ސިފަ ކޮށްފައިވާ ކަން ވެސް ޕުޓިން ފާހަގަ ކުރެއްވިއެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނީ ޖޫން މަހު ޕުޓިން އުތުރު ކޮރެޔާގެ ވެރިރަށް ޕްޔުންގޔަންގަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ, ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެއްވެސް ޤައުމަކުން, ނުވަތަ ޤައުމުތަކަކުން, ޙަމަލާދީފި ނަމަ, ނުވަތަ ހަނގުރާމަ ފަށައިފިނަމަ, އުތުރު ކޮރެޔާއާއި ރަޝިޔާއިން އެއް ޤައުމުން އަނެއް ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވާ ކަމުގައެވެ. ރަޝިޔާއަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ ކަން ދޮގު ނުކުރައްވައި ޕުޓިން ވިދާޅުވީ, ޕްޔުންގޔަންގއާ އެކު އަސްކަރީ ގުޅުންތައް ދަމަހައްޓާނެ ގޮތް ކަނޑައަޅާނީ މޮސްކޯއިން ކަމުގައެވެ.

އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް ވެސް ޔޫކްރެއިނާއި އެމެރިކާއިން ދާދިފަހުން ތުހުމަތު ކުރިއެވެ. އަދި, ޔޫކްރެއިންގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ރަޝިޔާއިން އުތުރު ކޮރެޔާގެ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ވެސް ޔޫކްރެއިނާއި އެ ޤައުމުގެ މަދަދުގާރުން ތުހުމަތު ކުރެއެވެ. ނަމަވެސް, ރަޝިޔާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ އެމެރިކާއާއި ނޭޓޯގެ ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު, އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ފޯރުކޮށްދެމުންނެވެ.