ވިޔަފާރި

ދިވެހި އުފެއްދުންތައް ބޭރުގައި އިޝްތިހާރުކުރަނީ


ބޭރު ޤައުމުތަކުގައި ބާއްވާ ފެއަރތަކުގައި ރާއްޖެއިން ބައިވެރިވެ، ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުތަކުގައި އިޝްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންމިންގައި ކުރިއަށްދާ ސައުތު އޭޝިޔާ އެކްސްޕޯގެ ތެރެއިން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ސައީދު ވަނީ ފެއަރގެ ރާއްޖޭގެ ޕެވިލިއަންއަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މިފަދަ އެހެން ފެއަރތަކުގައިވެސް ރާއްޖެއިން ބައިވެރިވަމުންދާ ކަމަށެވެ.

ކުންމިންގ ފެއަރގައި ރާއްޖެއިން މިއަހަރުވަނީ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް ބައިވެރިކޮށްފައެވެ. މިއަހަރުގެ ސައުތު އޭޝިއާ އެކްސްޕޯގެ ކަންޓްރީ އޮފް އޮނަރގެ ލަގަބު ރާއްޖެއަށް ލިބިފައިވުމަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް މިފަދަ ފެއަރތަކުގައި ބައިވެރިވުން މުހިއްމުކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ މިފަދަ ފެއަރތަކުން ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ކުރާ އިޙްތިރާމާއި ރާއްޖެއަށް އޮންނަ ލޯބި ފެނިގެންދާ ކަމަށެވެ. މިމަހުގެ 12 އިން 17 އަށް ޗައިނާގެ ކުންމިންގައި ކުރިއަށްދާ ސައުތު އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިންގ ފެެއަރގައި މިއަހަރު 70 އަށް ވުރެއް ގިނަ ޤައުމު ބައިވެރިވެފައިވެއެވެ.