ޚަބަރު

ކުރީގެ ރައީސް ޔާމީންގެ މައްސަލަތައް މުރާޖަޢާކޮށްދިނުމަށް ޕީޖީގައި އެދިއްޖެ


  • މުރާޖަޢާކުރުމަށް ހުށައެޅު ހުށައެޅުމަށް އަދި ގޮތެއް ނުނިންމާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތައް މުރާޖަޢާކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތައް މުރާޖަޢާކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުއަޅާފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި ފުރުޞަތުގައެވެ. ނަމަވެސް ހުށައެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކިގޮތެއް ނުނިންމަވައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން، 52 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މީގެ މަސްތަކެއް ކުރިން ނިންމާލާފައިވީނަމަވެސް، މި މައްސަލައިގައި ހައިކޯޓުން އިއްވެވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައިވާ ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އެގޮތުން ޝަރީޢަތް އިންސާފުވެރި ނުވުމާއި ދުސްތޫރީ ހައްގުތައް ނުލިބުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށްވެސް ހުކުމްގައިވެއެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާރ ކުރެއްވި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.