ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދުން މުހިންމު: ވަޒީރު ޠާރިޤް


  • ޕްލެނެޓްގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި

  • ސެޓެލައިޓް ޑޭޓާ ބޭނުންކޮށްގެން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އެހީތެރިވެދެވޭނެ

  • 2030އަށް ދުނިޔޭގެ ކަނޑުގެ %30 ރައްކާތެރިކުރުމަށް ރާއްޖޭންދަނީ މަސައްކަތްކުރަމުން

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދުމަކީ މުހިންމު ކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކޮލަމްބިއާގައި ކުރިއަށްދާ ކޮޕް 16 ގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން އުޅުއްވާ ޕްލެނެޓްގެ ޗީފް އިމްޕެކްޓް އޮފިސަރ އެންޑްރޫ ޒޮލީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޕްލެނެޓްގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ގޮނޑުދޮށް ގިރުމުގެ މައްސަލަ ބެލުމާއި، ދިރޭތަކެތީގެ މާހައުލު ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ޕްލެނެޓްގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަމަށެވެ. އެހެންކަމުން، މި ކަންކަމާ ކުރިމަތިލުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވެއެވެ.

ޕްލެނެޓްގެ ޗީފް އިމްޕެކްޓް އޮފިސަރ އެންޑްރޫ ޒޮލީގެ ވާހަކައިގައިވަނީ ސެޓެލައިޓް ޑޭޓާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އެހީތެރިވެދެވޭނެކަމަށް ވިދާޅުވެފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރުގެ މިދަތުރުފުޅުގައި ވަނީ ކޮޕް 16ގެ ޔޫއެން ބަޔޯޑައިވަރސިޓީ ކޮންފަރެންސްގެ އޯޝަން ޑޭގެ މަތީ ފެންވަރުގެ ޖަލްސާގައި ބައިވެރިވަޑައިގަންނަވާފައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ކަނޑުގެ %30 ރައްކާތެރިކުރުމުގެ ލަނޑުދަނޑި ޙާޞިލްކުރުމަށް ރާއްޖޭން ގަދައަޅައި މަސައްކަތްކުރަމުންދާކަމަށެވެ.

މީގެ އިތުރުން ކަނޑުގެ ދިރުންތަކާއި ޤުދުރަތީ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.