ޚަބަރު

ގެންނަ އިޞްލާހުން ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ: މެންބަރުން


  • މިނިވަން ކޮމިޝަންތައް ރަނގަޅަށް ނުހިނގާކަން މެންބަރުން ފާހަގަކުރެއްވި

  • ޕީއެންސީން ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާ ކަަމަށް ވިދާޅުވެފައި

މިނިވަން ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ އެ ކޮމިޝަންތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ގޮތަށް ބަދަލު ގެނައުމަށް މަޖިލިހަށް ފޮނުވާފައިވާ އިސްލާހާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރަށް ތާޢީދު ކުރައްވާ ޕީއެންސީގެ މެންބަރުން ވަނީ މި އިޞްލާހަށް ތާޢިދުކުރައްވާފައެވެ. އެގޮތުން ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިގެންކަން ފާހަގަކޮށްފައެވެ. އެހެން ކަމުން މިކަމުގެ ސަބަބުން ކޮމިޝަންތައް ހިންގާ ގޮތަށް ބަދަލު ނާންނަކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.

"ރައީސްއަށް މުތުލަޤަށް ބާރުވެސް ދެނީއެއް ނޫން. މީގައި މަޖިލީހުގެ ދައުރެއްވެސް އެބައޮތް. ކުރީގައި އޮތް ގޮތަށްވުރެ ޤާނޫނީ ފަންނުން ބަލާލިއަސް މިގޮތް ރަނގަޅު." ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވިއެވެ.

މި އިސްލާހާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ، އޭސީސީ ފަދަ މިނިވަން ކޮމިޝަންތަކުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މިނިވަން ބައެއް މުއައްސަސާތަކުން ޒިންމާ އަދާނުކޮށް ތިބުމަކީ ރައްޔިތުންނަށްވެވޭ ބޭއިންސާފެއް ކަމަށެވެ.

"އަޅުގަނޑު މި އިސްލާހަށް ތާޢީދު ކުރަން. އަޅުގަނޑު އުއްމީދުކުރަނީ، އެ ބޭފުޅުންގެ ޤާނޫނީ ޒިންމާ އަދާނުކުރާ ނަމަ، ރައީސުލްޖުމްހޫރީއްޔާ މި އިސްލާހު ހުށަހަޅުއްވާ ގޮތަށް އެ ބޭފުޅުންނާއި މެދު ފިޔަވަޅުއަޅުއްވާނެ ކަމަށް އުއްމީދުކުރަން." ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.

މި ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ ކޮމިޝަންތަކުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމުން ދިމާވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައްލުކުރުމަށް، މި އިސްލާހުގެ ސަބަބުން ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީން ދީފައިވާ ބާރު ހެޔޮގޮތުގައި އެބަޖެހޭ ކޮމިޝަންތަކުން ހިފަން. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ ސިޔާސީ ގޮތުން މޮޑޭ ފުއްގަނޑުތަކައް ކޮމިޝަންތައްވީމަ ދިމާވާ މައްސަލަތަޢް މި ޤައުމަށް ދިމާ މިވަނީ. މިއީ ރައްޔިތުންގެ އިތުބާރު ބޮޑަށް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިސްލާހެއް މިއީ." ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.


އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވިއެވެ. އެގޮތުން މި އިސްލާހަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ ގޮތްކަން އެ މެންބަރު ފާހަގަކުރެއްވިއެވެ.

"ކޮމިޝަންތައްކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވާގޮތް ބަދަލުކުރަން ބައިނަލްއަޤްވާމީ ފަރާތްތަކުން ރެކޮމެންޑޭޝަންދިން. ނަމަވެސް 19 ވަނަ މަޖިލީހުން ބަދަލުކުރީ ސިވިލް ސާވިސް ކޮމިޝަން އެކަނި. ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކީމަ ހުރިހާ ކަމެއްވެސް އޮޅިގެންދާނެ" ހޯރަފުށީ ދައިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވިއެވެ.

މިއިސްލާހާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މިފަދަ ކޮމިޝަންތަކަށް އައްޔަން ކުރެވިފައިވާ ފަރާތްތަކަކީ ވަޒީފާ ދެމެެހެއްޓުމަށް މަސައްކަތް ކުރާ ފަރާތްތަކެއް ކަމަށް ވިދާޅުވެފައެވެ.

"އެ ވަޒީފާ އެ މަޤާމު ގެއްލިދާނެތީވެ، މިހާތަނަށް އަޅުގަނޑުމެންނަށް ފެންނަން ހުރީ ކޮމިޝަންތަކުގެ މެންބަރުން، ނައިބު ރައީސުން، ރައީސުން ކިތަންމެހާވެސް ސަކަރާތެއް ޖައްސަވާ ބައެއްގެ ގޮތުގައި. މިއިން ކޮމިޝަނަކަށް އައްޔަން ކުރެވޭ އެއްވެސް ފަރާތެއް މަޤާމު ގެއްލޭކަށް ބޭނުމެއް ނުވޭ." ކެންދޫ ދައިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.

މިމައްސަލައިގެ ބަހުސްގައި ގިނަ މެންބަރުން މި އިސްލާހަށް ތާޢިދުކޮށްފައިވާއިރު، މިއީ މިކަމުގެ ސަބަބުން ކޮމިޝަންތަކުގެ މުސްތަޤިއްލުކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.