ވިލާ ކޮލެޖުން ނަރުސް ކޯސް ފުރިހަމަކުރި 109 ދަރިވަރުން ހުވާކޮށްފިއެވެ. މިކަަމަށްޓަކައި ވިލާކޮލެޖްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ނަރުހުންގެ ހުވައަކީ އިންސާނިއްޔަތުކަމާއި ޚިދުމަތުގެ މަތިވެރި ވައުދެކެވެ. އަދި މިއީ ސިއްޙީ ދާއިރާގައި ހިމެނޭ އެންމެ ޝަރަފުވެރި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިހުވައަކީ ނަރުހުންގެ މަސައްކަތުގެ އަހުލާޤީ މިންގަނޑުތަކާއި އިންސާނީ އަސާސްތައް ކަނޑައިދޭ މުހިންމު ހުވައެކެވެ.
ނަރުހުން ހުވާކުރުމަށް ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރާ ފާތިމަތު ޞާލިހާ ވިދާޅުވީ ނަރުސްކަމުގެ ވަޒީފާއަކީ ވަރަށް މަތިވެރި ވަޒީފާއެއްކަމަށެވެ. އެއީ އިންސާނިއްތައް ކުރާ ޚިދުމަތެއްގެ ގޮތުގައި ދެކި އޯގާތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށް ޞާލިހާ ވިދާޅުވިއެވެ.
ޞާލިހާ ވިދާޅުވީ ބަލިމީހުންނަށް ޚިދުމަތް ދިނުމަކީ ވަޒީފާއެއްގެ ބޭނުމުގައި ނުވަތަ ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ކުރާކަމަކަށް ވާން ޖެހޭނެކަމަށެވެ.
" އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުންވަނީ މިއަދު ތިކުދިން ހުވައެއްގެ ގޮތުގައި ތި ކިޔާލީ މީހަކު ލިޔެފައި ދިން ދެލި ގަނޑެއްގެ ގޮތުގައި ނުދެކޭށެ" ޞާލިހާ ވިދާޅުވިއެވެ.
ޞާލިހާ ވިދާޅުވީ މަދުންނަމަވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނަރުހުން ޕްރޮފެޝަނަލް ބައުންޑްރީން ބޭރުވާތަން ފެންނަމުންދާކަމަށެވެ. މީއީ ހިމާތަމަކުރާ ކަމެއްކަން ފާހަގަކުރައްވާ ޞާލިހާ ވިދާޅުވީ ބަލިމީހުންގެ ސިއްރުތަކާއި އަދި މިނޫންވެސް އެކި ވަޒީފާ މާހައުލުގައި ހިފަހައްޓަން ޖެހޭ ވާހަކަތައް ސޯޝަލް ޕްލެޓްފޯމްތަކުގައި ހިއްސާކުރުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި ކޮންމެ ނަރުހެއްވެސް މިފަދަ ކަންކަމުން ދުރުވުމަށް ޞާލިހާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ވިލާ ކޮލެޖުން ނަރުސްކަމުގެ ހުވާކޮށްފައިވަނީ ސެޓިފިކެޓް 4 އާއި ޑިޕްލޮމާއިން ނާރސިން ހެދި ދަރިވަރުންނެވެ.
ވިލާ ކޮލެޖުން ތަޢުލީމްދޭން ފަށާފައިވަނީ 2007 ވަނަ އަހަރެވެ. އެކޮލެޖުން ގެންދަނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަކުން ކޯސްތައް ހިންގަމުންނެވެ. އެގޮތުން ވިލާ ކޮލެޖަށް 17 އަހަރު ފުރިފައުވާއިރު އެ ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހިންގާ ޕްރައިވެޓް ކޮލެޖެވެ. އެ ކޮލެޖުގައި ކިޔަވައިދިނުމުގެ އިތުރުން ދިރާސީ އެތަކެއް މަސައްކަތްތައްވެސް ކުރެއެވެ.