ގުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އޭޝިއާ ޤައުމުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް އަންނަ އަހަރު ރާއްޖޭގައި ބާއްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ 16 ވަނަ ބައްދަލުވުމުގައި ބޭއްވި އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕް އިވެންޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ޕާޓްނަރޝިޕްގެ މިހާރުގެ ކޯ-ޗެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭން 2025 ވަނަ އަހަރު ޓެކްނިކަލް ކޮމިޓީގެ ބައްދަލުވުން ބާއްވާނެކަމަށެވެ.
އަދި މިބައްދަލުވުމަށް އަންނަ ފަރާތްތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔުމަށް ލިބުމަކީ ލިބޭނެ އުފަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތައް މެނޭޖްކުރުމުގައި ސަރަހައްދީ އެއްބާރުލުމާއި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިބައްދަލުމުގެ ތެރެއިން މަސައްކަތްކުރައްވާނެކަމަށެވެ.
މީގެއިތުރުން މިބައްދަލުން ވެގެން ދާނީ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކާ ގުޅޭ ގޮތުން އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭން މިޕާޓްނަރޝިޕްގައި ޙަރަކާތްތެރިވުމަކީ، ގުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.
ވަޒީރުގެ މިދަތުރުފުޅުގައި ވަނީ ޕްލާސްޓިކާއި ކަނޑުގެ ކުނީގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑަގެންފައެވެ. އެގޮތުން މިބައްދަލުވުމުގައި، ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ޕްލާސްޓިކާ ގުޅުންހުރި މައްސަލަ ހައްލުކުރުމުގައި ދައުލަތްތަކާއި އަމިއްލަ ވިޔަފާރިތަކުގެ ދައުރާއި، މިކަމާ ގުޅުންހުރި މުއާހަދާ ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިބައްދަލުވުމަކީ ދުނިޔޭގެ ކަނޑުތަކާއި ތިމާވެށި ޕްލާސްޓިކުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވޭކަމަށެވެ.