ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނުތަކަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ބިލުތައް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ބިލުތައް ދިރާސާކުރުމުގެ މަސައްކަތް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅުއްވާފައި އިސްލާހުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ ބޮޑު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި %16 ނަގަމުންދާއިރު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު %17 އަށް ބޮޑުކުރަން ވަނީ ހުށަހަޅުއްވާފައެވެ. ބިލު ދިރާސާކުރި ސަބް ކޮމިޓީން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި %16 ނަގައި ޖުލައި މަހުން ފެށިގެން %17 ނަގަން އިސްލާހުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށް ހުށަހަޅުއްވާފައެވެ. އެ ބިލުގައިވާގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަމުންދާ ތަންތަނުން ޓޫރިސްޓަކަށް ދައްކަން ޖެހޭނީ 12 ޑޮލަރެވެ. އަދި މިހާރު 3 ޑޮލަރު ދައްކަން ޖެހޭ ތަންތަނުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ. ނަމަވެސް މި ބިލު ދިރާސާކުރުމަށް ހެދި ސަބްކޮމިޓީން ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށް ގެންނަ ބަދަލުވެސް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގެނައުމަށް ފާސްކޮށްފައެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ދަށުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށާއި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 480 ޑޮލަރު ނަގާނެއެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހާއި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.