ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވާ ޅެން ބައިތުތައް ހިއްސާކުރައްވާފައެވެ. ރައީސް ހިއްސާ ކުރައްވާފައިވާ ބައިތުތަކުގައި، ދިވެހި އުއްމަތުގެ ހައްޤުގައްޔާއި ދިވެހި ދިދަ ހިމާޔަތް ކުރުމަށް ދިވެހިން އަތުގުޅާލާ ނިކުތްކަން ފާހަގަކުރައްވާފައިވެއެވެ.
"ދިވެހި އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ،
— Dr Mohamed Muizzu (@MMuizzu) November 2, 2024
ދިވެހި ދިދަ ޙިމާޔަތްކުރަން އަތުގުޅާލާ،
ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ،
ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ
ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ،
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ" pic.twitter.com/7IJ5Salo4J
މީގެ އިތުރުން ޤައުމު ދިފާޢު ކުރުމަށް ދިވެހި ލެއިން ޤުރުބާންވި ފަރާތްތަކުގެ ހަނދާތައް އައުކޮށް އެޝަހީދުންނަށް ދިވެހިން ޝުކުރުވެރިވާ ކަމަށާއި، އެފަރާތްތަކުގެ ޒިކުރާ ދިވެހިން އައު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް، ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން 3 ނޮވެމްބަރ 1988ގައި ދިން ޢުދުވާނީ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި މަދަނީ 11 ބޭކަލުން ޝަހީދުވިއިރު، ދިވެހި ސިފައިންގެ 8 ބޭކަލަކު ވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވެފައެވެ.
މިއަދު ފާހަގަކުރަމުން މިދަނީ 36 ވަނަ ނަޞްރުގެ ދުވަހެވެ.