ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.
ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި އާން މި ރެކޯޑް އާކޮށްފައިވަނީ އެއް މިނެޓު 04.19 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މުބާލް ޢައްޒާމް އިބްރާޙީމް އެވެ. އެއީ މިއަހަރު ބޭއްވި އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި 01:04.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އާން ވަނީ މިއަހަރު އިތުރު ތިން ރިކޯޑެއް ހަދައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ މަހު އޮތް ބުޑަ ކަޕްގައި 24.29 ސިކުންތުން ފަތައިގެން ހެދި ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރެކޯޑް އާކުރީ ހަންގޭރީގެ ގައުމީ ޗެމްޕިއަންޝިޕްސްގައި 23.79 ސިކުންތުން ރޭސް ނިންމައިގެންނެވެ
މީގެ އިތުރުން އާން ވަނީ މިއަހަރު އޮތް އޭއޯއެސްއައި އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި މުހައްމަދު ރިހާން ޝިހާމް ހެދި ދެ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ. އެއީ 50 މީޓަރު ބަޓަފްލައި އިވެންޓާއި 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ.
ރިހާން، 27.06 ސިކުންތުން ހެދި 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް އާން މުގުރާލީ 26.67 ސިކުންތުން ފަތައިގެންނެވެ. އަދި ރިހާން ދެ މިނިޓް 03.06 ސިކުންތުން ފަތައިގެން ހެދި 200 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑް އާން މުގުރާލީ، ދެ މިނިޓް 01.08 ސިކުންތުން ފަތައިގެންނެވެ.