ޚަބަރު

ޒުވާނުންނަށް ބޭނުންވާކަންކަމުގައި ސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ: ނައިބު ރައީސް


  • ނައިބު ރައީސް ވިދާޅުވީ ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާނެކަމަށް

  • ޤައުމުގައި ހިނގާ ކަންކަމުގެ ތެރެއިން ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ ކަންކަމުން ދުރުހެލިވުމަށް އެދިވަޑައިގަތް

ޒުވާނުންނަށް ބޭނުންވާކަންކަމުގައި މިސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

"ޝޭޑްސް އޮފް މައިންޑް" އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ޒުވާނުންގެ ކުރިމަގަށްޓަކައި ޒުވާނުން ބޭނުންވާ ކަންކަމަށް ސަރުކާރުގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

"ޝޭޑްސް އޮފް މައިންޑް" އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވަނީ ޒުވާނުންނަށް ޚާއްސަ މެސެޖުތަކެއް ދެއްވާފައެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުނަށް އުޖާލާ ކުރިމަގެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް އެންމެ އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާއަކީ ޒުވާނުންނަށް އުފާ ފާގަތި މުސްތަޤުބަލެއް ހޯދައިދިނުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ރައީސްގެ ފަރާތްޕުޅުން ދޭން ބޭނުންވާ ޔަގީންކަމަކީ ޒުވާނުން ބޭނުންވާ ކަންކަމުގައި މިސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމާއި އެކަންކަމަށް ފުރިހަމަ ތާޢީދުކުރާނެކަމުގެ ޔަގީންކަންދެން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ޤައުމުގައި ހިންގަމުންދާ އެހެނިހެން ކަންކަމުގެ ތެރޭގައި ހިމެނޭ ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާކަންކަމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެކި ދާއިރާތަކުން ކުރިއަށްދާން އެދޭ ޒުވާނުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފުވަނީ "ޝޭޑްސް އޮފް މައިންޑް" އަރޓް އެގްޒިބިޝަންގައި ބައިވެރިން ހުށައަޅާފައިވާ ކުރެހުންތައް ބައްލަވާލައްވާފައެވެ. އަދި ކުރެހުންތަކާއި ގުޅޭގޮތުން ފާހަގަކުރެވޭކަންކަން އާޓިސްޓުން ވަނީ ނައިބު ރައީސްއަށް އޮޅުންފިލުއްވަދެއްވާފައެވެ.