ޚަބަރު

ނޯވޭގެ ކުރިއަށް އޮތް ދެ މެޗުގައި އޮޑެގާޑަށް ނުކުޅެވޭނެ


ނޯވޭގެ ކެޕްޓަން މާޓިން އޯޑެގާޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމުން ސްލޮވީނިއާ އަދި ކަޒަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ބައިވެރިނުވާނެކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ އޮޑެގާޑަށް އަނިޔާވީ، މިދިޔަ ސެޕްޓެންބަރު މަހުގައި ގައުމީ ޓީމަށް ކުޅެނިކޮށެވެ. އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާގެ ސަބަބުން މިދިޔަ ދެ މަހެއްހާ ދުވަހު ހުރީ ކުޅުމާ ދުރުގައެވެ.

އެހެންކަމުން، ނޯވޭ އިން ވަނީ، އޮޑެގާޑްގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުވެ، މެޗު ފިޓްނަސް ހޯދުމަށް އިތުރުވަގުތު ބޭނުންވާތީވެ މިވަގުތަށް ގައުމީ ޓީމުގެ މެޗުތަކުގައި ބައިވެރިނުކުރާން ނިންމާފައެވެ.

ނޯވޭގެ އިތުރުން އާސެނަލްގައިވެސް ކެޕްޓަންކަން ކުރަމުން އަންނަ އޮޑެގާޑަށް ލިބުނު މި އަނިޔާއިން ރަނގަޅުވެ، މިދިޔަ ހަފްތާގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިންޓަރ މިލާނާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ވަނީ ކުޅެން ނިކުމެފައެވެ. އެއަށްފަހު، މި ހަފްތާގެ އާދީއްތަ ދުވަހު ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ޗެލްސީއާ 1-1 އިން އެއްވަރުވި މެޗުގެ ފުރިހަމަ 90 މިނެޓު ވަނީ ކުޅެފައެވެ.

"މިއީ ތަންކޮޅެއް ކޮމްޕްލިކޭޓެޑް ކުޑަހުޅުގެ އަނިޔާއެއް. މިދިޔަ ނުވަ ހަފްތާގެ ތެރޭގައި ވަރަށް މަދު ފަރިތަކުރުންތަކެއް ފުރިހަމަކުރުމަށްފަހު މިވަގުތު އޭނާ އެންމެ ރަނގަޅަށް ފިޓްވެފައިނުވުމަކީ ގަބޫލުކުރެވޭ ފަދަ ކަމެއް." ނޯވޭގެ ގައުމީ ޓީމުގެ ޑޮކްޓަރު، އޮލާ ސޭންޑްގެ ބަޔާނުގައިވެއެވެ.

އޮލާ ސޭންޑް ބުނީ، ނޯވޭ އިން ސްލޮވީނިއާ އާއި ކަޒަކިސްތާނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި އޮޑެގާޑް ބައިވެރިނުކުރުމަށް ނިންމީ މަޝްވަރާކުރުމަށްފަހު ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި އެކަމުގައި ޚުދު އޮޑެގާޑާ ވެސް މަޝްވަރާކޮށް، އެއްބަސްވެފައިވަނީ އެނބުރި ލަންޑަނަށް ގޮސް އެ ތާނގާއި ރިހެބިލިޓޭޝަން ކުރިއަށްގެންދިއުމަށް ކަމަށް ވެސް އޮލާ ސާންޑް ބުންޏެވެ.

ނޯވޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ އޮޑެގާޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް ކުޅެން ފެށީ 2014 ގައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. އޭގެފަހުން، މިހާތަނަށްއައިއިރު އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 61 މެޗުގައި ތިން ލަނޑުޖަހައިފައެވެ.

މި ފަހަރުގެ ނޭޝަންސް ލީގުގެ ބީ ތިނެއްގައި މިހާތަނަށް ކުޅުނު ހަތަރު މެޗަށްފަހު ނޯވޭ އާއި އޮސްޓްރިއާ އަދި ސްލޮވީނިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތް ކަޒަކިސްތާނަށް ލިބިފައިވަނީ އެއްޕޮއިންޓެވެ.

މި މުބާރާތުގައި ނޯވޭ އަށް އެންމެ ފުރަތަމަ އޮތީ އަންނަ ހުކުރު ދުވަހު ރަށުން ބޭރުގައި ސްލޮވީނިއާ އާ ބައްދަލުކުރާ މެޗެވެ. އެއަށްފަހު، އަންނަ ހޯމަ ދުވަހު އޮސްލޯގައި ނިކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.