ޚަބަރު

ގައުމީ ހޭންޑްބޯޅަ މުބާރާތް: އަންހެން ދެވަނަ ޑިވިޝަނުގެ ފައިނަލަށް ޒެފްރޯލް އާއި އިސްލޭނޯ


މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގެ މެޗުތައް ރޭ ކުޅުނުއިރު، ފައިނަލުގެ ޖާގަތައް ޒެފްރޯލް އާއި އިސްލޭނޯއިން ކަށަވަރުކޮށްފިއެވެ.

ސެމީ ފައިނަލް 1 ވަނަ މެޗުގައި ރޭ ޒެފްރޯލް އިން ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައި، ފައިނަލްގެ ޖާގަ ކަށަވަރުކުރީ އެޗްވައިސީ އާއި ދެކޮޅަށް 22-15 ގެ ނަތީޖާއަކުންނެވެ. އެގޮތުން ޒެފްރޯލް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 26-17 ގެ ނަތީޖާއަކުން ވެސްޓް އެންޑް ބަލިކުރުމަށްފަހުއެވެ. އަދި އެޗްވައިސީ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 12-27 ގެ ނަތީޖާއަކުން އެލްކިޔު ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ ފާތުމަތު ލީމް ބިންތު ޔާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް އަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސެމީ ފައިނަލުގެ 2 ވަނަ މެޗުގައި އިސްލޭނޯ ސްޕޯޓްސް ކުލަބާއި ހިޔާ ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 11-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދާފައިވަނީ އިސްލޭނޯއިންނެވެ. އެގޮތުން އިސްލޭނޯ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 15-14 ގެ ނަތީޖާއަކުން ކުލަބު ޔުނިޓީ އައިލެންޑާސް ބަލިކުރުމަށްފަހުއެވެ. އަދި ހިޔާ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި 13-12 ގެ ނަތީޖާއަކުން ގެލެކްޓިކޯ ބަލިކުރުމަށްފަހު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްލޭނޯގެ މައީޝާ މުޖުތަބާ އެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު މާލޭ ހޭންޑްބޯލް ކޯޓުގައެވެ.