ޚަބަރު

އޭޓީޕީ ފައިނަލްސް: ސިނާ އާއި ފްރިޓްޒް ސެމީއަށް


މިހާރު އިޓަލީގައި ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ ރައުންޑް ރޮބިން ސްޓޭޖުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ، އިޓަލީގެ ޔަނިކް ސިނާ އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތް ފެށިއިރު، ސިނާ ހިމެނުނީ ހަތަރުވަނަ ސީޑް، ޑަނީލް މެޑްވެޑޭވްއާ އެއްގްރޫޕެއްގައެވެ. ސްޕެއިނުގެ ކާލޯސް އަލްކަރާޒް އާއި ދެވަނަ ސީޑް އަލެގްޒެންޑާ ޒްވަރޭވް ހިމެނުނީ އެއްގްރޫޕެއްގައެވެ.

ސިނާ އާއެކު އެ ގްރޫޕުގައި ދެން ހިމެނުނީ އެންމެ ފަހުގެ ޔޫއެސް އޯޕަން ފައިނަލްގައި އޭނާ އަތުން ބަލިވި ފްރިޓްޒްގެ އިތުރުން އޮސްޓްރޭލިއާގެ އަލެކްސް ޑެ މިނޯ އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ؛ ކުރީގެ އެއްވަނަ ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަކިވުމުން ފުރުޞަތު ލިބުނު އަންދްރޭ ރުބްލޭވް އާއި ކެސްޕާ ރޫޑް އެވެ.

މި ފަހަރުގެ މުބާރާތުގެ ގުރުއަތުލުން ދިމާވިގޮތުން ސެމީގައި ސިނާއާ ދެކޮޅަށް އަލްކަރާޒް ބައްދަލުނުވާނެ ހާލަތަކަށް އޮތީ އެ ދެ ކުޅުންތެރިންވެސް ހިމެނޭ ގްރޫޕުގެ އެއްވަނަ ހޯދުމެވެ. ނުވަތަ ދެ ކުޅުންތެރިންވެސް ދެވަނަ މަގާމުގައި ނިންމާލުމުންނެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނިކުމެއްޖެނަމަ، އެ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ސެމީގައި ފެންނާނެއެވެ. މިއަހަރުގެ މި ދެ ކުޅުންތެރިންގެ ހެޑް-ޓު-ހެޑް ރެކޯޑަށް ބަލާއިރު، އަލްކަރާޒް އުޅެނީ 3-0 އިން ކުރީގައެވެ. އެކަމަކު، އޭޓީޕީ މުބާރާތެއްގެ ގޮތުގައި ނުހިމެނޭ ސައުދީ ސިކްސް ކިންގްސް ސްލޭމްގެ ފައިނަލްގައި ސިނާ ވަނީ އަލްކަރާޒްގެ މައްޗަށް ކުރިހޯދާފައެވެ.

އޭޓީޕީ ޓުއާ ފައިނަލްސް އަކީ މިއަހަރުގެ ނިޔަލަށް ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އަށް ކުޅުންތެރިން މެދުގައި ކުޅެވޭ މުބާރާތެކެވެ. މި އަށް ކުޅުންތެރިންގެ ރޭންކިންގ ތަރުތީބުން އެކި ޕޮޓްތަކަށް ބަހާލުމަށްފަހު ދެން ކުޅެވޭ ރައުންޑް-ރޮބިން މެޗުތަކަށްފަހު ކޮންމެ ގްރޫޕެއްގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ކުޅުންތެރިން ސެމީ އަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ސެމީގެ މެޗުތަކުން މޮޅުވާ ކުޅުންތެރިން ބައްދަލުކުރާނީ ފައިނަލްގައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ، ޖޮކޮވިޗް އެވެ. އެ ފަހަރުގެ ފައިނަލްގައި ޖޮކޮވިޗް ވަނީ 6-3، އަދި 6-3 އިން ސިނާ ބަލިކޮށްފައެވެ.