ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފަހު އިވެންޓް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް 2024 ގެ ފައިނަލުގައި ވާދަކޮށް، ލީގުގެ އައްޑަނަ އަލީ ޖާވިދު ދިފާއުކޮށްފިއެވެ.
ޖާވިދުއަށް ލީގުގެ އައްޑަނަ ލިބުނީ މިފަހަރުގެ މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގެ ފައިނަލަށް އޭނާ ދަތުރުކޮށް ހޯދާފައިވާ ޕޮއިންޓުތަކަށް ބެލުމަށްފަހު އެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ އެތުލީޓުންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރެވެ.
ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަނަކީ އެންމެ 16 އަހަރުގެ އިޔަން އަހުމަދެވެ. އޭނާ ފައިނަލުގައި ވާދަކުރީ ޖާވިދުއާ ދެކޮޅަށެވެ. މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ތިން އިވެންޓެއް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ފުރަތަމަ ބޭއްވި ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ޗެމްޕިއަނަކީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ.
ޖާވިދު ވަނީ ތިން މުބާރާތުގެވެސް ފައިނަލުގައި ވާދަކޮށް ލީގު ހޯދީ ކުޑަ އައްޔައާ ކުޑަ ތަފާތަކުންނެވެ. އަހަރުގެ އެންމެ ޕޮއިންޓް ގިނަ އިވެންޓް، ގައުމީ ބަނޑުފިލާ ޗެލެންޖުގެ ކުއާޓާ އިން ކުޑަ އައްޔަ ކެޓުމާއެކު ޖާވިދުއަށް ވަނީ ލީގު ޔަގީންވެފައެވެ.
ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕްނީ އިވެންޓްގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ އާމިން އުމަރު މޫސާއާ ފައިނަލުގައި ވާދަކޮށް، 12.34 ގެ ސްކޯ އަކާއެކުގައެވެ. އާމިންއަށް ފައިނަލް ހީޓުގައި ހޯދުނީ 4.03 ގެ ސްކޯއެކެވެ.
ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ޗެމްޕިއަންކަން މި ފަހަރު މުހައްމަދު އަޒާން އަހުމަދު ހޯދީ 7.40 ގެ ސްކޯ އަކާއެކުގައެވެ. ފައިނަލުގައި އޭނާ އިޔަންއާ ވާދަކުރި އިރު، އިޔަންއަށް ފައިނަލުގައި ހޯދުނީ 6.60 ގެ ސްކޯއެކެވެ.
އަޒާން ވަނީ މި އަހަރު ލެބެރާ ޗެލެންޖާއި ބުރުނު ޝިކާރުގެވެސް ޖޫނިއާ ޗެމްޕިއަންކަން ހޯދައިފައެވެ. އޭނާ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދީ ތަފާތު ބޮޑު ލީޑަކާއެކުގައެވެ. މިފަހަރު ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަނަކީ އިބްރާހީމް ޝައިމަންއެވެ. އޭނާ ވާދަކުރީ އަހުމަދު އަފްނާނާ ދެކޮޅަށެވެ. ފައިނަލް ހީޓްގައި ޝައިމަންގެ ސްކޯއަކީ 8.76 އެކެވެ. އަފްނާން ފައިނަލުގައި ހޯދި ސްކޯއަކީ 5.03 ގެ ސްކޯއެކެވެ.