ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް މިހާރު ހުށައަޅާފައިވާ ބިލާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހާތްތެރިކަން ކަށަވަރުކުރެވޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްލާޙުކުރުމަށް ހުށައެޅުއްވި ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަަކަފުޅުދައްކަވަމުންނެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ކުރިއަށްދިޔަ ޖަލްސާގައެވެ.
ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުގައި މެންބަރަކު މަޖިލީހަށް އިންތިޚާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުން ވަކިވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނުއަސާސީއަށް ހުށައެޅުނު އިސްލާޙަށް ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންވެސް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަންގެ ޤާނޫނު އިސްލާޙުކުރި ކަމަށެވެ. ނަމަވެސް އެއަށް ޤާނޫނުއަސާސީން ބާރުލިބިދީފައިނުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ އަބަދު ޕާޓީ ބަދަލުކުރާ ފިކުރު ބަދަލުކުރާ ބަޔަކަށް ވެގެންނުވާނެކަމަށާއި މެންބަރުންނަކީ ނަޒާހާތްތެރި އިތުބާރުހުރި ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި އެކަން މި އިސްލާޙާއެކު ކަށަވަރުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަމެއް ކުރަންޖެހޭ. އަޅުގަނޑުމެންނަކީ ފައިސާއަށް ވިކޭނެ ބަޔަކަށް ވެގެން ނުވާނެ. މަޖިލިސް މެންބަރުން އެއްވެސް ބަޔެއްގެ ދަށުވެގެން ނުވާނެ" މަޖިލިސް ނައިބު ރައީސް ނާޒިމް ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވީ މިދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެންޓި ޑިފެކްޝަންގެ ޤާނޫނަށް އިސްލާޙު ގެނައިނަމަވެސް، އެ އިސްލާޙުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ. އަދި 20 ވަނަ މަޖިލިސް ވާން ބޭނުންވަނީ ނަޒާހާތްތެރި ބަޔަކަށް ކަމަށާއި އިންތިޚާބީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އިސްލާޙު ހުށައެޅީ އެހެންވެ ކަމަށް ފަލާޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއްނުވޭ ރުފިޔާއަށް ގޮނޑި ވިއްކާލާފަދަ ނިޒާމެއް މިތަނުގައި އޮންނާކަށެއް. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މުޅި މަޖިލީހުގައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރަން" ފަލާޙު ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވީ މީގެ ކުރިންވެސް އެންޓި ޑިފެކްޝަންގެ ޤާނޫނަށް އިސްލާޙު ގެނެވުނީ ބައެއް މެންބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުމުން ކަމަށެވެ.
މެންބަރު ވިދާޅުވީ ބައެއްފަހަރު މަޖިލިސް މެންބަރުންގެ މައްޗަށް މުއްސަނދި ވިޔަފާރިވެރިންވެސް ނުފޫޒު ފޯރުވާ ކަމަށެވެ. އަދި ބޭނުންހާއިރަކު ނިސްބަތްވާ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ފުރުޞަތު މަޖިލިސް މެންބަރުންނަށް ލިބިގެންނުވާނެކަމަށް އިބްރާހީމްދީދީ ވިދާޅުވިއެވެ.
"މި އިސްލާޙާއެކު ނަޒާހާތްތެރިކަން އިތުރުކުރެވޭނެކަމަށް ޔަޤީންކުރެވޭ. އަދި އެއްވެސް ޕާޓީއަކަށް މެންބަރުން ވިކިނުދާނެކަމުގެ ޔަޤީންކަން އޮންނާނެ. ރައްޔިތުންގެ އިތުބާރު މެންބަރުންނަށް ލިބެންޖެހޭ" އިބްރާހީމްދީދީ ވިދާޅުވިއެވެ.
ސަރުކާރު ނިސްބަތްވާ ޕީއެންސީގެ މެންބަރުން ބިލަށް ތަޢީދުކުރައްވާ ވާހަކަފުޅުދެއްކެވިނަމަވެސް ބައެއް އިދިކޮޅު މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންވެސް ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރަކު އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށް އެންޓި ޑިފެކްޝަންގެ ޤާނޫނަށް އިސްލާޙު ގެނެސްފައިވެއެވެ.