އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި މުޙައްމަދު ސަލާހު ކާމިޔާބުކޮށްދިން ލަނޑާއެކު، 3-2 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ކުރީގައި ލިވަޕޫލުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 31 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 12 މެޗުން 22 ޕޮއިންޓެވެ.
ސައުތެމްޓަންގެ ސެއިންޓް މޭރީސް ސްޓޭޑިއަމްގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 30 ވަނަ މިނިޓުގައި ސައުތެމްޓަންގެ ޑިފެންޑަރ ފްލިން ޑޯންސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސައުތެމްޓަންގެ އެޑަމް އާމްސްޓްރޯންގް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ލިވަޕޫލްގެ އޭރިޔާ ތެރެއިން ސައުތެމްޓަންގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ. އެޑަމް އާމްސްޓްރޯންގް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ބްލޮކް ކުރުމުން އޭނާ ވަނީ ރީބައުންސްވީ ބޯޅަ ދެވަނަ ފަހަރަށް ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
ސައުތެމްޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އެ ޓީމުގެ މެތިއުސް ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މި މެޗުގައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނިޓުގައި މުހައްމަދު ސަލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާ އެވެ.
އަންނަ ހަފުތާގައި ލިވަޕޫލް އާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.