ސްޕެނިޝް ލީގުގައި ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުގައިވާ ފަރަގު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ރެއާލް މެޑްރިޑް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 30 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.
ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ލީގުގައި އެމްބާޕޭ ޖެހި ހަތްވަނަ ލަނޑެވެ.
ރެއާލް މެޑްރިޑަށް އެމްބާޕޭ ބަދަލުވި ފަހުން އޭނާގެ އަސްލު ކުޅުން ދެއްކިފައިނުވާކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް އޭނާގެ ފަރާތުން މި މެޗުގައި ވަނީ ރަގަޅު ކުޅުމެއް ފެނިފަ އެވެ.
ރެއާލް މެޑްރިޑުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ވެޑެރީކޯ ވަލްވާޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ޓީމުން ފުރުސަތު ދީފައިވާ ޒުވާން ކުޅުންތެރިޔާ އާޑާ ގުލާ ވަނީ މޮޅު ކުޅުމެއް ދައްކާ ލެގާނެސް ގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. ބެލިންހަމް މި ލަނޑު ޖެހުމުގެ ކުރިން ކިލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ލެގާނެސްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލް މެޑްރިޑް މެޗަކުން މޮޅުވެފައިވާތީ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކޯޗު ވަނީ ބުނެފަ އެވެ.
ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ލަލީގާ ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފައިވަނީ އެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ "ގޯލްޑަން އޭޖް" ޓީމެއް ބިނާ ކުރުމަށެވެ.
މި ސީޒަނުގައި ރެއާލް މެޑްރިޑުން ވަނީ ޒުވާން ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދީފަ އެވެ.