ޚަބަރު

ޤަވާއިދެއް ހެދެންދެން ފަތުރުވެރިންނަށް މޫދުކުޅިވަރު ހިންގުމުގައި ޢަމަލުކުރާނެ މިންގަނޑެއް


  • މޫދުކުޅިވަރު ހަރަކާތްތަކުގައި ފަތުރުވެރިންގެ ފުރާނަ ގެއްލިފައިވޭ

  • މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ މިންގަންޑެއް މިހާރު ވަނީ އާންމުކޮށްފައި

  • ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފައި

ފަތުރުވެރިންނަށް ޚާއްސަކޮށްގެން މޫދުކުޅިވަރާއި މޫދާއި ގުޅުންހުރި އެހިނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ އެ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި އެ ވުޒާރައިން ވިދާޅުވީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މޫދުކުޅިވަރާއި އެހިނިހެން ހަރަކާތްތަކުގައި އެކްސިޑެންޓުތައް ހިންގާ ފުރާނައަށް ގެންލުންވާފަދަ ހާދިސާތައް މިހާތަނަށް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މިފަދަ ހަރަކާތްތައް ހިންގުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަމަށާއި އެ ޤަވާއިދު އެކުލަވާލެވެންދެންވެސް އެފަދަ ހަރަކާތްތައް ހިންގުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު މިންގަންޑެއް ވަނީ ސާކިއުލާއާއިއެކު އާންމުކޮށްފައެވެ. އެގޮތުން މި މިންގަނޑުގެ ތެރެއިން އެފަދަ ހަރަކާތްތައް ރައްކާތެރިކޮށް ކުރިއަށްގެންދިއުމަށް ޚިދުންމަތްދޭ ތަންތަނާއި އެފަރާތްތަކުގެ ޒިންމާތައް ވަނީ ހިމަނާފައެވެ.

މިހާރު އާންމުކޮށްފައިވާ މިންގަނޑުގެ ތެރޭގައި، ފަތަން ނޭނގޭ ފަތުރުވެރިން ލައިފް ޖެކެޓު އެޅުވުމަށާއި، އެ ހަރަކާތަކާއި ގުޅޭ ސަލަމާތީ ވަސީލަތްތައް ފުރިހަމައަށް ގެންގުޅުމަށް ވަނީ އަންގާފައެވެ. އަދި އެދުވަހެއްގެ މޫސުމާއި ބެހޭ މަޢުލޫމާތު ފަތުރުވެރިންނަށް ދިނުމާއި ވަކި ސަރަހައްދެއްގައި ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް އެ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން 16 އަހަރުން ދަށުގެ ކުށްޖެއް އެފަދަ ހަރަކާތްތެއްގައި ބައިވެރިކުރެވޭނެ ބެލެނިވެރިއާގެ ޢިއުތިރާޒެއް ނެތްކަން ލިއުމުން ހޯދައިގެން ކަމަށް އަލަށް ޢަމަލުކުރަން ފެށި މިންގަނޑުގައިވެއެވެ.

ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާއިރު، އެ މިންގަނޑުގައި ހުރިކަންކަމަށް ޢަމަލުކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަތުރުވެރިންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ބޭނުންވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.