ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރި ތަދުކަނޑުވާ 2 ބޭހެއް ބޭނުން ކުރުމާއި، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވަގުތީގޮތުން މަނާކުރައްވައިފިއެވެ.
އެމްއެފްޑީއޭއިން ބޭނުން ނުކުރުމަށް އަންގާފައިވަނީ މެލޭޝިއާގެ ކުންފުންޏަކުން އުފައްދާފައިވާ، އެކްސެލް މެފެނަމިކް އެސިޑް ސަސްޕެންޝަންއާއި ޕާކިސްތާންގެ ކުންފުންޏަކުން އުފައްދާފައިވާ، މެފްނެކް ނަމަކަށް ކިޔާ ބޭހެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް މާކެޓުން ބޭހުގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް އެއޮތޯރިޓީން ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން މާކެޓުން ނެގި ސާމްޕަލްތައް ނަގާ ސްކްރީން ކުރުމުން، މިދެބޭހުގައި ނުރައްކާތެރި ކެމިކަލް މާއްދާއެއްކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެކަން އިތުރަށް ކަށަވަރުކުރުމަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
— MFDA (@MFDA_mv) November 26, 2024
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދެބޭހުގެ އެއްވެސް ބެޗެއް އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި މިވަގުތު ބޭސްފިހާރަތަކުގެ ގުދަންތަކުގައި ހުރި މިދެބާވަތުގެ ބޭސް ވަކިކޮށްފައި ބެހެއްޓުމަށްވެސް ވަނީ އަންގަވާފައެވެ.
އެމްއެފްޑީއޭއިންވަނީ މިބޭހާމެދު ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.