ޚަބަރު

ޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން، އެތަކެއް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދަމުން ދިޔަ މަދަރުސާއަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، 13 މީހުން ޝަހީދުކޮށްލައިފިއެވެ. ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ މަދަރުސާއަކަށެވެ. އެއީ، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ މަދަރުސާއެކެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޣައްޒާ ސިޓީގެ އެންމެ ޒަމާންވީ ޒަޔިތޫން އަވަށުގައި ހުރި އަލް-ޙުއްރިއްޔާ މަދަރުސާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޒަޔިތޫނުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބޮންއަޅާފައިވާ ކަމުގައި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. އެ ޙަމަލާގައި ހަތް މީހުން ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޙަމަލާދީ، ޔަހޫދީ ސިފައިން ވަނީ އެކަކު ޝަހީދު ކޮށްލާފައެވެ.

ޔަހޫދީ ސިފައިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތައް އިތުރު ކުރަން ފަށާފައި މި ވަނީ، އެ ސަހަރަށް މޫސުން ގޯސްވެ، ގެދޮރު ނެތިކޮށްލާފައިވާ މީހުންނަށް އިތުރު ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ފޭލިގެތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޣައްޒާގެ އޮފިޝަލުން ބުނީ، ފެންބޮޑުވުމާ ގުޅިގެން 10,000އަށްވުރެ ގިނަ ފޭލިގެ، މުޅިން ހަލާކުވެފައިވާ ކަމުގައެވެ.

ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ފޭލިގެ ހަލާކުވެފައިވާއިރު، އިތުރު ފޭލިގެތަކެއްގެ ތެރެއަށް ފެންވަދެ، އެ ތަންތަނުގައި ދިރިއުޅުމަށް ދަތިވެފައިވާ ކަމުގައި ވެސް ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. "އުތުރަށް ބޮންއަޅަން ފެށުމުން އަޅުގަނޑުމެން އެހެން ސަރަޙައްދަކަށް ހިޖުރަކުރިން. މިހާރު އަޅުގަނޑުމެންގެ ފުރާނައަށް ނުރައްކާވެފައި ވަނީ ފިންޏާއި ވާރޭގެ ސަބަބުން. އަޅުގަނޑު ބަލިހާލުގައި އުޅޭތާ މިހާރު ތިން ދުވަސް ފާއިތުވެއްޖެ،" ޣައްޒާ ސިޓީގެ އަލް-ޔަރްމޫކް ސްޓޭޑިޔަމްގައި ފޭލިގެއެއް ޖަހައިގެން ދިރިއުޅެމުންދާ އަޙްމަދު ކިޔައިދިނެވެ. އޭނާއަކީ، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ރައްޔިތެކެވެ.

"ވިއްސާރައިގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް އަސަރު ކުރި. އަޅުގަނޑުގެ ދަރިން ތިބީ ތެމި ފޯވެފައި. އަޅުގަނޑުމެން ލައިގެން ތިބި އަންނައުނު ވެސް ވަނީ ތެމިފައި، ރައްކާތެރިކަން ހޯދޭނެ، ހިޔާވަހިކަން ހޯދޭނެ އެއްވެސް ގޮތެއް ނެތް، ހަމައެކަނި ހުރި އެއްޗަކީ ފޭލިގެ،" ބަޔިތު ލާޙިޔާއިން ޣައްޒާ ސިޓީއަށް ދަތުރުކުރި އުންމު މުޙައްމަދު މަޢުރޫފު ބުންޏެވެ.

ޣައްޒާ ޢުދުވާން 14ވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު، ފޭލިގެ ފަދަ ތަކެތީގެ އަގުތައް ވެސް އެތަކެއް ގުނައަކަށް އުފުލިފައެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ އެހީއަށް އެދި ގޮވައިލާފައިވާނެ ކަމުގައެވެ. ޚާއްޞަ ގޮތެއްގައި، ފެންބޮޑުވުމާ ގުޅިގެން ފޭލިގެތަކަށް ގެއްލުންވެފައިވާ މީހުންނަށް އައު ފޭލިގެ ހޯދައިދިނުމަށް އެދިފައިވާނެ ކަމުގައެވެ. ނަމަވެސް، ޣައްޒާ ޢުދުވާނާ އެކު ޔަހޫދީން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ.

"ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ތެރެއިން ފޭލިގެތަކުގައި ދިރިއުޅޭ މީހުންގެ %81 މީހުން ބޭނުން ކުރަމުން ދިޔަ ފޭލިގެތައް ވަނީ ހަލާކުވެފައި. 135,000 ފޭލިގޭގެ ތެރެއިން 110,000އަށްވުރެ ގިނަ ފޭލިގެއަށް ވަނީ ގެއްލުންވެފައި، އިރައިގެން ގޮސް ބަދަލު ކުރަން ޖެހިފައި،" ޣައްޒާގެ މީޑިޔާ އޮފީހުން ބުންޏެވެ.
ޣައްޒާގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ބުނީ، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިޔަނަށް އުފުލިފައިވާ ކަމުގައެވެ. "ވާރޭވެހޭ ކޮންމެ ފަހަރަކު، [ޔަހޫދީ ފައުޖުން] ބޮންއަޅާ ކޮންމެ ފަހަރަކު، އެ މީހުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން،" އެ އިދާރާއިން ހާމަކުރިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,282އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 104,880 މީހުން ޒަޚަމު ކޮށްލާފައެވެ.