ޚަބަރު

އަންހެނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ތަޢުލީމްދޭން ފެށި އަމީނިއްޔާ ސްކޫލަށް 80 އަހަރު


  • އަމީނިއްޔާ ސްކޫލް އުފެދުނީ 1944 ވަނަ އަހަރު

  • އަމީނިއްޔާ ސްކޫލް އުފެދުނީ ރައީސް އަމީންގެ އިސްނެންގެވުމުގެ ދަށުން

އަމީނިއްޔާ ސްކޫލް އުފެދުނީ 1944 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 28 ވަނަ ދުވަހުއެވެ. 2011 ވަނަ އަހަރާ ޖެހެންދެން އެ ސްކޫލް އޮތީ ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ ތަނެއްގެ ގޮތުގައެވެ.

އަމީނިއްޔާ ސްކޫލް އުފެދުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބުރަ މަސައްކަތްޕުޅާއެކުއެވެ. ރައީސް އަމީން ފާހަގަކޮށްލެވެނީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީއްސުރެ ރާއްޖެއަށް ބޭނުންވެފައިވާ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދު އަމީންގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކެވެ. އެކަމަށް ޚާއްސަ އިސްކަމެއް އެމަނިކުފާނު ދެއްވިއެވެ. އެދުވަސްވަރު، ޢިލްމު އުނގެނި އަންހެނުން ވަޒީފާ އަދާކުރުން ވެފައިވަނީ އައިބު ކަމަކަށެވެ.

ނަމަވެސް އަންހެނުން ބާރުވެރިކުރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން ދަރިވަރުން ކިޔަވާ ސްކޫލެއްގެ ގޮތުގައި އަލްމަދްރަސަތުލް ސަނިއްޔާ، ފަހުން އަމީނިއްޔާ ސްކޫލް އުފަންވުމެވެ. އެއީ 1944 ވަނަ އަހަރުއެވެ. ސްކޫލް އުފެދުނީ އޭރު ދިވެހި ދައުލަތުގެ މާލީ ވަޒީރުކަން ކުރައްވަމުން ގެންދެވި އަމީންގެ ސީދާ އިސްނެންގެވުމުގެ ދަށުންނެވެ. ފުރަތަމަ ސްކޫލް އުފެދުނީ މަދްރަސަތުލް ސަނިއްޔާގެ އަންހެން ކުދިންގެ ގޮފީގެ ނަމުގައެވެ. ސްކޫލް އުފެދުނުއިރު ކިޔަވާދެމުންދިޔައީ ރޭގަނޑެވެ.

އަމީނިއްޔާ ސްކޫލްގެ އެންމެ ފުރަތަމަ ޕްރިންސިޕަލަކީ ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އައްނަބީލާ އައިމިނަތު ޙުސައިނެވެ. ފުރަތަމަ މުދައްރިސުންނަކީ އައްޝެއިޚް މަލިމް މޫސާ ކަލޭފާނާއި ޝެއިޚް މުޙައްމަދު ނަޞީރު މަނިކެވެ. ސްކޫލް ފެށީ 45 ދަރިވަރުންނާއެކުއެވެ.

އަމީނިއްޔާ ސްކޫލްގެ ރަސްމީ ކުލަ ކަނޑައެޅުނީ 1947 ވަނަ އަހަރުއެވެ. އެ ކުލަތަކަކީ ފެއްސާއި ހުދެވެ. މިއަދާ ހަމައަށްވެސް އަމީނިއްޔާ ސްކޫލްގެ ކުލަތަކަކީ މިއީއެވެ.

މަދްރަސަތުލް ސަނިއްޔާގެ ނަމުގައި 12 އަހަރު ހިންގުމަށްފަހު ސްކޫލްގެ ނަން "އަމީނިއްޔާ ސްކޫލް"ގެ ނަމަށް ބަދަލު ކުރެވުނީ 1956 ވަނަ އަހަރުއެވެ. ނަން ދެވުނީ ސްކޫލްގެ ބާނީ ރައީސް މުޙައްމަދު އަމީންގެ ނަންފުޅަށް ނިސްބަތްކޮށެވެ.

އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރިފައިވާއިރު، މިހާރު އެ ސްކޫލަކީ އަންހެނުންނާއި ފިރިހެން ދަރިވަރުންވެސް ކިޔަވާ ސްކޫލެކެވެ. އެގޮތުން ފިރިހެން ދަރިވަރުންނަށް ސްކޫލްގައި ކިޔަވައިދޭން ފެށީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިހާރު އެ ސްކޫލްގައި 2000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރެއެވެ. 148 މުދައްރިސުން މަސައްކަތްކުރެއެވެ.

އަމީނިއްޔާ ސްކޫލް ފާހަގަކޮށްލެވެނީ ފަޚުރުވެރި ދިގު ތާރީޚެއް އޮތް ސްކޫލެއްގެ ގޮތުގައެވެ. ރާއްޖޭގައި ފުރަތަމަ އަންހެން ދަރިވަރުންތަކަކަށް ސްކޮލަރޝިޕް ދެވުނީ އަމީނިއްޔާ ސްކޫލުން ކިޔެވި ދަރިވަރުންތަކަކަށެވެ. ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމަކީ މި ސްކޫލްގައި ކިޔަވައިދެއްވި މުދައްރިސަކަށްވުމީވެސް އަމީނިއްޔާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ.

މިހާތަނަށް އައިރު، މި ސްކޫލްގެ ދަރިވަރުންވަނީ އެކި މުބާރާތްތަކާއި އިމްތިޙާންތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ޤައުމީ އެތައް ޚިދުމަތްތެރިއަކު އުފައްދާފައިވެއެވެ. ސަރުކާރުގެ ވަޒީރުކަމާއި ދައުލަތުގެ އިސް މަޤާމުތައް، މި ސްކޫލުން ކިޔަވާ ވިދާޅުވި އަންހެން ބޭފުޅުން ފުރުއްވާފައިވެއެވެ.

ދިވެހި އަދަބީ ހަރަކާތްތަކަށާއި ކުޅިވަރުގެ މައިދާނަށް އަންހެނުން ނެރުމަށްވެސް މި ސްކޫލުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑުރާމާއަކާއި ޅެމެއް ހުށައަޅައިދިން އަންހެނުންނަކީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެޓް ބޯޅަ މެޗެއް ކުޅުނީވެސް ހަމަ މި ސްކޫލްގެ ދަރިވަރުންނެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށާއި ތަޢުލީމީ ފުރުޞަތުތައް އަންހެނުންނަށް ފަހި ކޮށްދިނުމުގައި އަމީނިއްޔާ ސްކޫލުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.