ޚަބަރު

ޢައްބާސް ނެތް ހާލަތެއްގައި ފަލަސްޠީނުގެ ވެރިކަން ވަގުތީ ގޮތުން ރޫޙީ ފުތޫޙަށް


ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެ ނަމަ، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައިފި ނަމަ، ވަގުތީ ގޮތުން ވެރިކަމާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅައިފިއެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙްމޫދު ޢައްބާސްގެ ނިންމަވާފައި ވަނީ، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕަލަސްޓީނިޔަން ނޭޝަނަލް ކައުންސިލް (ޕީއެންސީ)ގެ ވެރިޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޙަވާލުވެ ވަޑައިގަންނަވާ ގޮތަށެވެ.

89 އަހަރުގެ ޢައްބާސް މި ގޮތަށް ނިންމަވާފައި މި ވަނީ، އޭނާ އަވަހާރަވެއްޖެ ނަމަ، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ދެން ފުރޮޅިގެންދާނެ ފަރާތަކާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޢައްބާސްގެ އޮފީހުން ބުނީ، އެ ފަދަ ހާލަތެއް މެދުވެރިވެ، ޕީއެންސީގެ ވެރިޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ރައީސް ކަމުގެ ޒިންމާތަކާ ޙަވާލުވެ ވަޑައިގަންނަވާތާ 90 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި، އައު ރައީސަކު އިންތިޚާބު ކުރަން ޖެހޭނެ ކަމުގައެވެ.

ފީއެންސީއަކީ ފަލަސްޠީނުގެ އެންމެ މަތީ މަޖިލީހެވެ. އެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި މި ވަގުތު ހުންނެވީ 75 އަހަރުގެ ރޫޙީ ފުތޫޙެވެ. 2004ވަނަ އަހަރު ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަވުމާ ގުޅިގެން ވެސް، ވަގުތީ ގޮތުން ރައީސްގެ މަޤާމުގެ ޒިންމާތަކާ ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ ފުތޫޙެވެ.

ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމަށް ޢައްބާސް އިންތިޚާބުވެ ވަޑައިގަތީ 2005ވަނަ އަހަރުއެވެ. ފަހަކަށް އައިސް އޭނާގެ ޞިއްޙީ ޙާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާފައިވެއެވެ. އޭނާ ނެތް ދުނިޔެއެއްގައި ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކާ މެދު ސުވާލު އުފައްދަން ފަށާފައި ވަނީ އެ ސަބަބާ ގުޅިގެންނެވެ. ފަލަސްޠީނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އެއްވެސް ބޭފުޅަކު ޢައްޔަންކޮށްފައި ނުވާއިރު، ސަޢޫދީ ޢަރަބިއްޔާއިން ވަނީ، އެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމަށް ޢައްބާސްގެ ސަރުކާރަށް ބާރު އަޅާފައެވެ.

ޢައްބާސް އަވަހާރަވެއްޖެ ނަމަ، ނުވަތަ ވެރިކަމުގެ ޒިންމާތަކާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައިފި ނަމަ، އެ ޒިންމާތަކާ މަސްޢޫލިއްޔަތުތައް ފުތޫޙާ ޙަވާލު ކުރައްވަން ޢައްބާސް ނިންމެވި ނަމަވެސް، ނައިބު ރައީސް ކަމުގެ މަޤާމަށް ފުތޫޙު ޢައްޔަން ކުރައްވާފައިވާ ކަން އިޢުލާނު ކޮށްފައެއް ނެތެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޢައްބާސްގެ މި ނިންމެވުމާ އެކު، އޭނާއަށް ފަހު ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމަށް ދެން އިންތިޚާބުވެ ވަޑައިގަންނަވާނީ ކޮން ބޭފުޅެއް ކަން ސާފު ނޫން ކަމުގައެވެ.

ފަލަސްޠީނުގެ ވެރިިކަމުގެ ޒިންމާތަކާ ގުޅޭ ގޮތުން ޢައްބާސް މުހިންމު ނިންމުމެއް ނިންމަވާފައި މި ވަނީ، ހުޅަނގު އައްސޭރިއަށް ވެރިވެގަނެ، އެއީ ޒަޔަނިސްޓު އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީން އެ ގޮތަށް އަމަލު ކުރާނެ ކަމަށް ބާރުދޭ ހެއްކަކީ، ހުޅަނގު އައްސޭރިއަށް ވެރިވެގަތުމަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗް ގޮވައިލުމެވެ.
އޭނާ ބުނީ، އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ހުޅަނގު އައްސޭރިއަަށް އަތްގަދަކޮށް، އެއީ ޒަޔަނިސްޓު އިސްރާއީލުގެ ތަނަކަށް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައެވެ. ހުޅަނގު އައްސޭރިއަކީ ޔަހޫދީން ވެރިވެގަނެފައިވާ ބިމަކަށްވާއިރު، ހުޅަނގު އައްސޭރީގެ ރައްޔިތުން މިހާރު ވެސް ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ.

މީގެ އިތުރުން، ޣައްބާސްއަށް ފަހު، ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލަކު ހުޅަނގު އައްސޭރީގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވައިފި ނަމަ، ހުޅަނގު އައްސޭރިއަށް އަރައި، އެ ސަރަޙައްދު ޔަހޫދީ ފައުޖުގެ ކޮންޓުރޯލުގެ ދަށަށް ގެންދާނެ ކަމުގައި ޒަޔަނިސްޓުންގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަވީ ދިޚްތަރު ވެސް ބުނެފައިވެއެވެ. ޙަމާސަކީ، ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން މިހާރު ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ.

ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމަށް ޢައްބާސް އިންތިޚާބު ކޮށްފައި ވަނީ ހަތަރު އަހަރުގެ ދައުރަކަށެވެ. ނަމަވެސް، 2005ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ރިޔާސީ އިންތިޚާބެއް ބާއްވާފައެއް ނެތެވެ. އަދި، އޭނާއަށް އޮތް ތާޢީދު ގެއްލިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސެޕްޓެންބަރު މަހު ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ ތެރެއިން %89 މީހުން ބުނީ، ރައީސް ކަމުގެ މަޤާމުން ޢައްބާސް އިސްތިޢުފާ ދެއްވަން އެދޭ ކަމުގައެވެ.