ޚަބަރު

ރަޝްފޯޑާއި ޒިރްކްޒީގެ ލަނޑުތަކުން ޔުނައިޓެޑް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ އަށް ޖެހިލާފަ އެވެ. އެވަޓަން އަށް 13 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

އޯލްޑް ޓްރެފަޑްގައި 73 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖޯޝުއާ ޒިރްކްޒީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަޝްފޯޑް އާއި ޒިރްކްޒީ އެވެ.

މި މެޗުން އެވަޓަން ބަލިވެފައިވާއިރު މިއީ އެ ޓީމު ޕްރިމިއާ ލީގުގައި މެނެޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި 42 ވަނަ ފަހަރެވެ. މިއީ ލީގުގައި އެއް ޓީމެއް އަތުން ބަލިވެފައިވާ އެންމެ ތަފާތު ބޮޑު އަދަދެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި އަމޮރިމް ހަވާލުވި ފުރަތަމަ މެޗުގައި އިޕްސްވިޗް ޓައުން އާއި އެއްވަރުވެފައިވާއިރު ޔޫރޮޕާ ލީގުގައި ބޯޑޯގްލިމްޓް އަތުން މެންޗެސްޓަރ ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ.