ޚަބަރު

އެސްޓަން ވިލާ ބަލިކޮށް ޗެލްސީ ތިންވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

މި މެޗުން ޗެލްސީ މޮޅުވުމާއެކު އެ ޓީމަށް ވަނީ 13 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި އޮތް އާސެނަލްއަށްވެސް 25 ޕޮއިންޓް ލިބި ފައިދާ ގޯލުވެސް އެއްވަރު ވެފައިވާއިރު އާސެނަލް ދެވަނައިގައި އޮތީ ދެ ޓީމުގެ ކުރިމަތިލުންތަކުން ކުރި ލިބިގެންނެވެ. އެސްޓަން ވިލާ އޮތީ 13 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގަ އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ޖެކްސަން އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ.

ޗެލްސީން ވަނީ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާފަ އެވެ,. މި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން އެންޒޯ ފެނާންޑޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ އަތަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އަދި ފާއިތުވެދިޔަ ދެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމުން ހޯދާފައިވާ މާޓިނޭޒް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހަކު ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯލް ޕާމާ އެވެ.

އެސްޓަން ވިލާގެ ކޯޗު ކަމާއި އުނައި އެމެރީ ހަވާލުވި ފަހުން މިއީ މެޗަކުން މޮޅުނުވެ އެންމެ ގިނަ ދުވަސް ވެފައިވާ ފަހަރެވެ. މިދިޔަ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގުގައި ބޮލޯނާ އަތުން އެސްޓަން ވިލާ މޮޅުވި ފަހުން އަދި އެ ޓީމަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.