މިއަދު މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވަޔާއި ކަނޑު މިއަދު ގަދަވި ނަމަވެސް، މާދަމާއިން ފެށިގެން ކަނޑުތައް މަޑުވެ ވައިވެސް މަޑުވާން ފަށާނެ ކަމަށެވެ.
ވައި ގަދަވެ، ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ. މި ސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.
Alert White extended for strong wind and rough seas over the country. pic.twitter.com/sd2E8jUMox
— Maldives Meteorology (@MetMaldives) December 2, 2024
މޫސުމާބެހޭ ޤައުމި އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއްވިއެވެ.