ޚަބަރު

ބަޑި ކޮންޓްރޯލްކުރުމަށް އެކުލަވާލި ޕްލޭނަށް ދެކޮޅު ހަދައިފި


އެމެރިކާގެ އާންމުން ބަޑިއާއި ފިސްތޯލަ ފަދަ ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމަށް ޑިމޮކްރެޓިކް ޕާޓީން އެކުލަވާލި ޕްލޭނަށް ސެނެޓުން ދެކޮޅު ހަދައިފިއެވެ. 

ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކު ހުށަހެޅުއްވި މިޕްލޭނަށް އެމެރިކާގެ އިދިކޮޅު ރިބަޕްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ސެނެޓްގައި ވޯޓަށް އެހުމުން ލިބިފައިވަނީ އެންމެ 47 ވޯޓެވެ. މިޕްލޭން ފާސްވުމަށް ފަސްދޮޅަސް ވޯޓު ބޭނުންވާއިރު މިއީ މިޕްލޭން ފާސްވުމަށް ބޭނުންވާ ވޯޓަށްވުރެ ތޭރަ ވޯޓު މަދު އަދަދެކެވެ. ޑިމޮކްރެޓިކް ޕާޓީގެ މިޕްލޭން ބިނާވެފައިވަނީ އެމެރިކާގެ ދާޚިލީ އަމަނަށް ނުރައްކާ ކޮށްފާނެ ކަމަށް ބަލައި މޮނިޓަރ ކުރަމުން ގެންދާމީހުންނަށް ބަޑިއާއި ފިސްތޯލަ ފަދަ ތަކެތި ވިއްކުން މަނާކުރުމުގެ މައްޗަށެވެ. 

ސެނެޓްގެ މިނިންމުމަކީ އެމެރިކާގެ އާންމުން، ބަޑިއާއި ފިސްތޯލަ ފަދަ ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމަށް ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށް މުރާސިލުން ސިފަކުރެއެވެ. އެމެރިކާގެ އާންމުންގެ މެދުގައި ބަޑިއާއި ފިސްތޯލަ ފަދަ ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ވިދާޅުވީ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވަމުން ގެންދަވާތާ އެތަށް އަހަރެއް ވެފައިވެއެވެ. އަދި ދާދިފަހުން އެމެރިކާގެ ފްލޮރިޑާގެ އޮލާންޑޯގެ ނައިޓް ކްލަބަކަށް ބަޑިހިފައިގެން ހުރިމީހަކު ވަދެ ދިން ހަމަލާތަކުގައި ފަންސާސް މީހުން މަރުވެ އިތުރު ފަންސާސް ފަސްމީހުން ޒަޚަމްވުމާ ގުޅިގެން އާންމުން ހަތިޔާރު ގެންގުޅޭ މައްސަލަ އެމެރިކާގެ މުޖްތަމައުގެ ސަމާލުކަމަށް އައިސްފައިވެއެވެ.