ޚަބަރު

ޗައިނާ ސަރުކާރުން ކ.ގުރައިދޫއަށް 100 ސޯލާ މަގުބައްތި


  • މިއެހީއަކީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް

  • މަގުބައްތި ޝިޕްމަންޓް މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އަންނާނެ

ޗައިނާ ސަރުކާރުން ކ.ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި މަގު ބައްތިތަކަކީ، ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ.

މަގުބައްތި ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޗައިނާ ސަރުކާރުގެ ފަރާތުން މަގު ބައްތިތައް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މަގު ބައްތިތަކަކީ، ކ.ގުރައިދޫއަށް ކުރި ޒިޔާރަތެއްގެ ތެރެއިން ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިން ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތީ ޒަމާންވީ ގުޅުމެއްކަމަށާއި، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށްކަމަށެވެ.

"ގުރައިދޫއަށް ފޯރުކޮށްދޭ މަގު ބައްތި އެހީއަކީވެސް، ދެޤައުމުގެ ވެރިން ބައްދަލުވެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމަވާ ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކުރެވޭ މަސައްކަތެއް. ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު ވަރަށް ގިނަ މިފަދަ ކަންކަންކުރެވި ދެޤައުމުގެ ގުޅުންވަނީ ބަދަހިކުރެވިފައި." ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބު، އަލްއުސްތާޛް މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށްކަމަށެވެ. އަދި މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން އަބަދުވެސް ޤަބޫލުކުރޭ، ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ނާޒުކުކަމަށް ބަލާއިރު އިޔާދަކުރަނިވި ހަކަތައިގެ މުހިއްމުކަން. ސަރުކާރުން އަބަދުވެސް ބަލަމުންދޭ ކައުންސިލްތަކަށް ދަތިވާ ކަންކަން. އަދި އެކަންކަމަށް އިޖާބަ ދިނުމަށް އިސްކަމެއްދޭނެ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާއިން ގުރައިދޫ ކައުންސިލަށް ހަދިޔާކުރި މަގު ބައްތިތައް މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޗައިނާ އެމްބަސީން ވިދާޅުވިއެވެ. މިގޮތުން މިމަހު ފަހުކޮޅު ނުވަތަ އަންނަ ޖެނުއަރީގެ ކުރީކޮޅު މި މަގު ބައްތި ޝިޕްމަންޓް ރާއްޖެއަށް އަންނާނެކަމަށް އެމްބަސީން ވިދާޅުވެއެވެ.