ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކޮށް އޮޅުހިޔާ"އަށް ބުޅާތައް ގެންދިއުމަކީ ރަނގަޅުކަމެއް ނޫންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ "އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މިސަރުކާރުން ގާއިމްކުރެއްވި ތަނެކެވެ.
5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ "އޮޅުހިޔާ"އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ހިޔާލެއް ލިބިފައި ނެތް ކަމަށެވެ. އަދި އެސްއޯޕީތަކަށް އަމަލު ނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް މި ވަގުތު ގެންދަން ފަށައިފި ނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ އޮޅުހިޔާގައި ފުރިހަމަނުވާ ކަންކަމާއި، އެ ހާލަތުގައި ދިމާވެދާނެ ކަންކަންވެސް ފާހަގަކޮށްފައެވެ.
1- އޮޅުހިޔާގައި މަސައްކަތް ކުރާނެ ފަންނީ އެއްވެސް މީހަކު މިހާރު ރަޖިސްޓަރީ ކޮށްފައި ނެތުން. ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ދޭ ފަރާތްތަކާއި ފަންނީ މަސައްކަތްތެރިން ރެގިއުލޭޓްކޮށް، ޖަނަވާރުންނަށް ފަރުވާ ދިނުމަށް ގެންގުޅޭ ޖެހޭ މިންގަނޑުތައް ހިފަހައްޓަނީ އެ ވުޒާރާއިން.
2- އަލަށް ގެންދާ ބުޅާތައް ކަރަންޓީން ކުރާނެ ކޮށިތައް އޮޅުހިޔާގައި އަދި ނެތް.
3- ބުޅާތަކުގެ ސާޖަރީތައް ހަދަން ބޭނުންވާ އެކަށީގެންވާ ނިޒާމެއް ނެތް. އެ ނިޒާމު އެނިމަލް އެކުލަވާލައި ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވޭ.
4- އޮޅުހިޔާގައި އުފެދޭ ނުރައްކާތެރި ބަޔޮލޮޖިކަލް ވޭސްޓް ނައްތާލާނެ ނިޒާމެއް އަދި ނެތް.
5- ބުޅާތަކަށް އެކަށީގެންވާ ކާނާ އާއި ފެން ފޯރުކޮށްދޭނެ ނިޒާމެއް ވެސް އަދި ނެތް. ކެޓް ލިޓާ ވެސް ނެތް.
6- ބުޅާތަކަށް އަޅާލާނެ މުވައްޒަފެއް ނެތް.
7- ބޭސް ހޯދާނެ ނިޒާމެއް ނެތް. އެހެންވެ މުވައްޒަފުން ހަމަޖެހުނަސް ބުޅާތަކަށް ބޭސް ދެވޭނެ ނިޒާމެއް އަދި ނެތް.
8- އޮޅުހިޔާގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ސްޓްރަކްޗަރަލް ބަދަލުތައް ގެންނަން ސިޓީ ކައުންސިލަށް ހުށަހަޅާފައިވޭ. އެކަމަކު އެ ކަންކަން އަދި ރަނގަޅެއް ނުކުރެވޭ
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮޅުހިޔާގެ ހިދުމަތް ފެށުމުގެ އެ ވުޒާރާއިން ފާހަގަކޮށްފައިވާކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"މިނިސްޓްރީން ވަނީ އަޕްޑޭޓްތައް ހޯދުމަށާއި މި މައްސަލަތައް ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލްގައި އެދިފަ އެވެ. ނަމަވެސް މިހާތަނަށް މިކަން ކުރެވިފައެއް ނުވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު ކަންކަން ފުރިހަމަ ނުކޮށް އޮޅުހިޔާ އަށް ބުޅާތައް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އިލްތިމާސް ކުރަން،" ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ވަނީ ގާއިމްކޮށްއެވެ. އަދި ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއް ވެސް އެ ތަނުގައި ހަދާފައިވެއެވެ.