ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ އެހީތެރިކަމާއެކުކަމަށް ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރަހީމް ވިދާޅުވެއްޖެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭންއާ ގުޅޭގޮތުން ބޭއްވި "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރަހީމް ވިދާޅުވީ މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމް ރާއްޖެ އައިނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަކީ ރައްޔިތުންނާއި ގުޅުންހުރި ކަމަކަށްވުމުން ދިވެހި ރައްޔިތުންގެ ބައިވެރިވުން މިކަމުގައި އޮތުމަކީ ސަރުކާރުން ބޭނުންވާކަމެއްކަމަށް ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ ބޭނުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުންކަމަށެވެ.
"މިފަދަ ކަމެއް ކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ. ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމަށް ފަސޭހަވާނެ ޕްލޭން އެކުލަވާލީމަ. ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ދައުލަތުގެ އެންމެ މުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫން. މި ޕްލޭނާއެކު މުއައްސަސާތައް އެއްކޮށް މަސައްކަތް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އެކުލެވޭ ޕްލޭންއަކަށްވެގެން ދިޔުމަކީ އުންމީދު" ވަޒީރު ވިދާޅުވިއެވެ.
ދުންފަތާ މުޖުތަމައު ދުރުހެލި ކުރެވިއްޖެނަމަ ސިއްހީ ކަންކަމަށް ކުރަންޖެހޭ ފަރުވާގެ ޚަރަދު ކުޑަވެ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ތައުލީމާއި އެހެނިހެން ކަންކަމަށް ޚަރަދު ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭނަކީ ސަރުކާރުގެ ނިންމުމަކަށްވުމާއެކު ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އެއްބާރުން ލިބޭނެ ކަމަށްވެސް ވަޒީރު ނާޒިމް ވިދާޅުވިއެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް އެންމެންގެ އެއްބާރުލުން ލިބުމުން، އެކަމާއި ގުޅިގެން ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރަން ފަސޭހަވެގެންދާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރަހީމް ވިދާޅުވިއެވެ.