ޚަބަރު

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އޭސީސީގެ ދެ މެންބަރުން އިސްތިޢުފާ ދެއްވުމުން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެ މެންބަރުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ. ދެ މެންބަރުން އިސްތިއުފާ ދެއްވީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެ މެންބަރުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ ދެ މަގާމަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައެވެ.

އޭސީސީގެ ގާނޫނަށް ގެނައި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ އުސޫލަށް ވަނީ ބަދަލުގެނެވިފައެވެ. މިއިސްލާހުގައި ވާގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ޢައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރާނީ، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ.