އޮމާނާއި ރާއްޖެއާ ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކީ ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމުގެ އެއްބަސްވުމެކެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އާންމު ރައްޔިތުންނަށްވެސް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިކަމަށެވެ. އަދި އެކަން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިހާރު ދިވެހި ރައްޔިތުންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި ޤައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ.
ރާއްޖެއާއި އޮމާނާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުޞަތެއްގައި ބޭއްވުމަށްވެސް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާންއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުންވެސް އެ ޤައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސާޢިދު އަލް ހަބްސީއާއެކު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު އޮމާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެސެންޓެޓިވް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރެއްވިއެވެ.
މިބައްދަލުވުމުގައި އޮމާން ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެކިކަންކަމުގައި އޮމާނުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން ޚިޔާލު ބަދަލުކުރައްވައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގަތެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށްކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.