ވިޔަފާރި

މާރުކޭޓުގައި ފަރުމަސް ތިޔާގިވެއްޖެ


ރަމްޟާން މަސް ފެށުނު ފަހުން މާލޭ މަސްމާރުކޭޓްގައި އެންމެ ޑިމާންޑް ބޮޑު ބާވަތްތަކަކީ ފަރުމަހުގެ ބާވަތްތަކެވެ. ރަމްޟާންމަހުގެ ވޭތުވެދިޔަ ދުވަސްތަކުގައި މަސްމާރުކޭޓުން ބައެއް ވަތުތުތަކުގައި އެއްގޮތަކަށްވެސް ފަރުމަސް ލިބެން ނުހުންނަ ވަގުތުތައް ގޮސްފައިވެއެވެ. ނަމަވެސް މަސްމާރުކޭޓްގައި ފަރުމަސް މިއަދު ތިޔާގިކަން ފާހަގަކޮށްލެވެއެވެ. ރަމްޟާން މަސް ފެށުނު ފަހުން މިއަދަކީ ފަރުމަސް އެންމެ ތިޔާގި ދުވަސްކަމަށް މާރުކޭޓްގައި މަސްވިއްކާ ފަރާތްތަކުން ފާހަގަކުރެއެވެ. 

ފަރުމަސް މިއަދު ގިނައިން ލިބެން ހުރިނަމަވެސް ފަރުމަހުގެ އަގުވަނީ އުފުލިފައެވެ. މަސްމާރުކޭޓްގައި މިއަދު ފަރުމަހުގެ އަގުތަކަށް ބަލާއިރު ބޮޑު ރަތްމަހެއް އުޅެނީ ހަތަރު ސަތޭކަ ރުފިޔާއަށެވެ. އާދައިގެ ރަތްމަހެއް ތިން ސަތޭކަ ރުފިޔާއާއި ސަތޭކަ ފަންސާސް ރުފިޔާއާއި ދެމެދުގެ އަގެއްގައި ހުރިއިރު ފާނައެއް އުޅެނީ ސަތޭކަ ފަންސާސް ރުފިޔާއަށެވެ. ހަންޖެން ސަތޭކަ ރުފިޔާއަށްވުރެ އަގުބޮޑުއިރު މާނިޔަ މަހެއް ލިބެންހުރީ ފަންސާސް ރުފިޔާއަށެވެ. 

ޅިޔަޖަހާފައިވާ ކުޑަ ގިނިމަހެއް ތިރީސް ރުފިޔާއަށް ލިބެން ހުރިއިރު ވާލަންމަސް ފަދަ ބާވަތްތައް ލިބެންހުރީ އަށްޑިހަ ރުފިޔާއަށެވެ. ފަރުމަހުގެ އިތުރުން މަސްމާރުކޭޓްގައި ކަޅުބިލަ މަސް ކިލޯއެއް ލިބެންހުރީ ފަންސާސް ރުފިޔާއަށެވެ. ގޮދާ ލިބެންހުރީ ފައްސަތޭކަ ރުފިޔާއަށެވެ. ބޮޑުކަންނެލި ކިލޯއެއް ފަންސާހާއި ސާޅީސް ފަސް ރުފިއާއަށް ވިއްކާއިރު ކުންފުނިތަކަށް ބޮޑުކަންނެލި ކިލޯއެއް ވިއްކާފައިވަނީ ސަތޭކަ ވިހި ރުފިޔާއަށެވެ.

ރަމްޟާންމަހުގެ ކުރިއަށްއޮތްތާންގައި މިހާރު މަހުގެ އަގު ހުރިވަރަށްވުރެ މަހުގެ އަގު ބޮޑުވެގެން ނުދާނެކަމަށް މަސްމާރުކެޓްގައި މަސްވިއްކާ ފަރާތްތަކުން ބުނެއެވެ.