ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން މޯލްޑިވްސް ގުޅިގެން އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެޔުނިވާރސިޓީގެ ވައިސް ޗާންސެލާރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާޕާސަން އާމިނަތު ތޫހާ އަދުލީއެވެ.
އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަކީ އުފެދުމުގައި ހުންނަ ކަމަކުން ނުވަތަ އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ނުވަތަ ނުކުޅެދުންތެރިކަމެއް ލިބިފައިވާ ފަރާތްތަކަށް އާންމު ދިރުއުޅުމުގެކަންކަމުގައި ނުވަތަ އެމީހަކު ކުރާމަސައްކަތްތައް މިނިވަންކަމާއި އެކު ކުރުމަށް ލުއިފަސޭހަގޮތްތައް އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަންނީ ޚިދުމަތްތެރިންނެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން، ޑރ. އައިޝަތު ޝަނޫރާ ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ މަދު އަދަދެއްގެ ދިވެހިންކަމަށާއި، އެހެންކަމުން އެފަދަ ފަންނީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީން ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރާ ކަމަށެވެ.
އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނު ކުރަން އެ ފެކަލްޓީން އެކުލަވާލާ 4 އަހަރުގެ ކޯހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތް ކުރައްވާ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާ ގުޅިގެން ޤައުމަށް ބޭނުންވާ ތެރަޕިސްޓުން ތަމްރީނުކުރުން ކަމަށް ޝަނޫރާ ވިދާޅުވިއެވެ.
އަދި މި ކޯހަކީ ދާއިރާގެ ފަންނީބޭފުޅުންގެ ލަފާޔާއެކު އިންޓަނޭޝަނަލް ޔުނިވާސިޓީތަކާ ބެންޗްމާކް ކޮށް އަދި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ކޯހެއް ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. މި ކޯސް ވެގެންދާނީ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ކޯސްތަުގެ ތެރެއިން ބައިނަލްއަޤްވާމީ ފެންވަރެއްގައި ބަލައިގަންނަ ފެންވަރުގެ ފުރަތަމަ ކޯހަށްކަމަށް އެމްއެންޔޫއިން ބުނެނެއެވެ.
"މި ކޯސް ވާނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް. މި ކޯހުގެ ސަބަބުން އިންޑަސްޓްރީއާ ގާތްގުޅުމެއް އުފެދި އަމަލީ ތަޖުރިބާ ހޯދަން ފަހި ފުރުސަތެއް ލިބޭނެ ކަމަށާއި ވަޒީފާގެ މާހައުލަށް ލޯހުޅުވިފައިވާ މިންވަރު އިތުރުވާދާނެ" ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން، ޑރ. އައިޝަތު ޝަނޫރާ ވިދާޅުވިއެވެ.
އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އާމިނަތު ތޫހާ އަދުލީ ވިދާޅުވީ އޮކިއުޕޭޝަނަލް ތެރަޕިސްޓުން އިތުރު ކުރުމަށް ޤައުމީ ޔުނިވަރސިޓީން ފަށާ ކޯހާއެކު އަމާޒަކީ އެޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދިއުންކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ އޮކިއުޕޭޝަނަލް ތެރަޕީގެ ޕްރޮފެޝަންއަކީ މިހާރަށް ވުރެއް ފުޅާ ދާއިރާއެއްގައި ދިވެހި ކުދިން ނިކުމެ މަސައްކަތް ކުރެވޭނެ ޕްރޮފެޝަންއަކަށް ވުން" ތޫހާ ވިދާޅުވިއެވެ.
ދާއިރާގެ ފަންނީބޭފުޅުންގެ ލަފާޔާއިއެކު އިންޓަނޭޝަނަލް ޔުނިވަރސިޓީތަކާއި ބެންޗްމާރކް ކޮށް، ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިންގަނޑުތަކާއެއްގޮތަށް އެކުލަވާލާފައިވާ ޑިގްރީ ފެންވަރުގެ މި ކޯސް އަންނަ އަހަރުގެ 2 ވަނަ ސެމިސްޓާގައި ފެށުމަށް ޤައުމީ ޔުނިވަރސިޓީން ދަނީ މަަސައްކަތްކުރަމުންނެވެ.
އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުކަމުގެ ކަން ބޮޑޫވުންއޮތްއިރު އެފަދަ ތެރަޕިސްޓުންނަކީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެމީހުންގެ ބަލިން ނުވަތަ އަނިޔާއިން ނުވަތަ ނުކުޅެދުންތެރިކަމާއެކު އާންމު ދިރިއުޅުމުގައި މިނިވަންކަމާއިއެކު އުޅުމަށް ބޭނުން ކުރެވޭނެ ފަސޭހަގޮތްތަކާއި ހުނަރުތައް ދަސްކޮށްދީ ދިރިއުޅުމާއި މަސައްކަތްތެރިކަމުގައި ގެންގުޅެވިދާނެ އުކުޅުތައް ދަސްކޮށްދިނުންފަދަ މަސްޢޫލިއްޔަތުތައް ދަސްކޮށްދޭނެއެވެ. އޮކިއުޕޭޝަނަލް ތެރަޕިސްޓުން އާންމު ގޮތެއްގައި
މަސައްކަތްކުރަނީ ހޮސްޕިޓަލުތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި، ނަރސިންގ ފެސިލިޓީތަކުގެ އިތުރުން ސުކޫލް މާހައުލުގައެވެ.