ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއިން މަރާލައިފައިވާ 100,000އަށް ވުރެ ގިނަ މީހުންގެ ހަށިތައް އަޅާފައި ހުރި މާސިންގާ ކަށްވަޅެއް އެ ޤައުމުގެ ވެރިރަށް ދިމިޝްޤާ ކައިރި ހިސާބަކުން ފެނިފައިވާ ކަމަށް ސޫރިޔާގެ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ ޖަމްޢިއްޔާއަކުން ބުނެފިއެވެ.
ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވީ ދިމިޝްޤާ 25 މޭލު ދުރުގައި އޮންނަ އަލް-ޤުޠައިފާ ސަރަޙައްދުން މަރުވެފައިވާ އިންސާނުންގެ ހަށިތައް އަޅާފައިވާ މާސިންގާ ކަށްވަޅެއް ފެނިފައިވާ ކަމަށެވެ. އެ ކަށްވަޅުން 100,000 މީހުންގެ ހަށިތައް ވާނެ ކަމަށް ބެލެވޭ ކަމަށާއި ލަފައި ކުރެވޭ ގޮތުގައި އެ ވަޅުގަނޑުގައި ހުރި ހަށިތަކުގެ ޖުމްލަ ޢަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޞްޠަފާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސޫރިޔާއިން މި ފަދަ ފަސް ވަޅުގަނޑެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ސޫރިޔާގައި ހުރީ މިފަދަ އެންމެ ފަސް ވަޅުގަނޑު ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވަޅުގަނޑުތަކުގައި ހުރި ހަށިތަކަކީ ހަމައެކަނި ސޫރިޔާ ރައްޔިތުންގެ ހަށިތައް ނޫން ކަމަށާއި އެމެރިކާއާއި އިނގިރޭސިވިލާތާއި އެހެނިހެން ޤައުމުތަކަށް ނިޞްބަތްވާ މީހުންގެ ހަށިތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
2011ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ހަނގުރާމައިގެ ތެރޭގައި މަރާލައިފައެވެ. ކުއްލި ގޮތަކަށް ވެރިކަން ގެއްލިފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު އަދި އޭނާގެ ކުރިން ސޫރިޔާގެ ރައީސްކަން ކުރެއްވި އޭނާގެ ބައްޕާފުޅު ޙާފިޟް ހައްޤަކާ ނުލައި ޢަދުލް އިންސާފުގެ ނިޒާމުން ބޭރުން ގިނަ ޢަދަދެއްގެ މީހުން މަރާފައިވާ ކަމަށް ސޫރިޔާގެ ރައްޔިތުންނާއި ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާއި އެހެނިހެން ސަރުކާރުތަކުން ތުހުމަތު ކުރެއެވެ.
މުޞްޠަފާ ވިދާޅުވީ ސޫރިޔާގެ ސަރުކާރަށް ނިޞްބަތްވާ ސިފައިން ޢާންމުންނަށް އެކި ކަހަލަ ލާއިންސާނީ އަނިޔާތައް ދީ އެ މީހުން މަރައިލުމަށް ފަހު އެ ހުރިހާ ހަށިތައް އަސްކަރީ ހަސްފަތާލުތަކަށް ގެންދާ ކަމަށެވެ. އެއަށް ފަހު ސޫރިޔާގެ ވައިގެ ސިފައިންގެ ތެރޭގައި ހިމަނޭ ޖާސޫސީ އިދާރާއެއްގެ ބެލުމުގެ ދަށުން އިތުރު ޖަސޫސީ މަރުކަޒުތަކަށް އެ ހަށިތައް ގެންގޮސް މާސިންގާ ވަޅުގަނޑުތަކަށް އެ ހަށިތައް އަޅައިލާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް އަސަދު ވަނީ އޭނާގެ ސަރުކާރުން އިންސާނީ ހައްޤުތަކާ ޚިލާފަށް ޢަމަލުކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އަސަދަށް ފާޑު ކިޔާ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.
މުޞްޠަފާ ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުލުމަށް މާސިންގާ ވަޅުގަނޑުތައް ކޮނުމުގެ މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްފައިވާ ބައެއް މީހުންނާ އޭނާގެ ޖަމާޢަތުގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އައު ހަށިތައް އެޅުމަށްޓަކައި އެ ވަޅުގަނޑުން އިތުރު ޖާގަ ހެދުމަށް ވަޅުގަނޑުގައި ހުރި ހަށިތައް ބުލްޑޯޒަރު ބޭނުންކޮށްގެން އަޑިއަށް ކޮއްޕައި ޗަސްކޮށް އޭގެ މައްޗަށް ފަސް އަޅައި އިތުރު ޖާގަ ހަދާކަމަށް އެ މީހުންނާ ހަވާލާދީ މުޞްޠަފާ ވިދާޅުވިއެވެ.
މުޞްޠަފާ ވަނީ މީހުންގެ ހަށިތައް އަޅާފައިވާ މި ފަދަ ސަރަޙައްދުތައް ބަލަހައްޓާނެ އެއްވެސް މީހެއް އެ ތަންތަނުގައި ނުހުންނަކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ފަދަ ވަޅުގަނޑުތަކާ ގުޅޭގޮތުން ހިންގަފާނެ ތަހުޤީޤެއްގައި ހެއްކެގެ ގޮތުގައި ބޭނުން ކުރުމަށް އެއްވެސް ބަދަލެއް ނުގެނެސް އެ ސަރަޙައްދު އެ އޮތް ގޮތަށް ޙިމާޔަތް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.